08 Mar 2012, 18:14
ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ވަޑައިގަތް ވަގުތު، މަޖިލީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ލައިންތައް ފަޅާލައި އެ ސަރަހައްދުތަކަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި 23 މީހެއްގެ މައްސަލައިގެ ތަހުގީގް ނިންމައި ޕްރޮސެކިޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލީސް ކުރާ ގޭ ސަރަހައްދުތައް ފުލުހުން ބަންދުކޮށް ފައިވަނިކޮށް ހިންގި ހަމަނުޖެހުންތަކާ ގުޅުން ހުރި 23 މީހެއްގެ މައްސަލަޕީޖީ އަށް ފޮނުވާފައިވާއިރު، އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ގަލާއި ދަނޑިބުރި، ދަގަނޑުބުރި ފަދަ ތަކެތިންފުލުހުންނަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައުލޫމާތު ހޯދައި، ފޮޓޯ އާއި ވީޑިއޯއިން އެފަދަ އަމަލުތައް ހިންގަނިކޮށް ފެންނަ ފަރާތްތަކުގެ މައްސަލަތައް ވެސް ފުލުހުން ގެންދަނީ ބަލަމުން ކަމަށެވެ.
އެ ދުވަހު މަޖިލިސްކުރާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދަށް އެމްޑީޕީގެ ސަޕޯޓަރުންތަކެއް ގަދަކަމުންވަދެ، ފުލުހުންނަށް ހަމަލާދީ ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު އެހަމަނުޖެހުންތަކާއި ގުޅިގެން 14 ފުލުހަކަށް އެކިވަރުގެއަނިޔާލިބިފަ އެވެ.
އެއްވެސް ސަބަބަކާ ހުރެ ފުލުހުން މަގެއް ނުވަތަ ތަނެއް ބަންދުކޮށްފައިވަނިކޮށް އެ ތަނެއްގެ ތެރެއަށް ވަންނަ ކޮންމެ ފަރާތަކާ މެދު ވެސް ގާނޫނީ ފިޔަވަޅުއަޅާނެ ކަމަށާއި ފުލުހުން ބަންދުކޮށްފައި އޮންނަ ސަރަހައްދުތަކަށް އައިސް ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުންތައް ހިންގާ ފަރާތްތަކާމެދު ވެސް ފިޔަވަޅުއަޅާނެ ކަމަށް ވެސްފުލުހުން ވަނީ ބުނެފަ އެވެ.