05 Jan 2022, 12:26
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރު ކަމުގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެމްބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން ފަށައިގެން މިމަހުގެ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ އޭސީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ، މިމަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އަދި، ރައީސް އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިގްރާރު ޑައުންލޯޑް ވެސް ކުރެއްވޭނެ ކަމަށް ބުންޏެވެ.
އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައި ވަކިކުރަން ތަޅުމަށް ފޮނުވަން ނިންމި ހިސާބުން އެ ކޮމިޝަންގެ ރައީސް ހިމެނޭ ގޮތަށް ދެން ތިއްބެވި މެމްބަރުން ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފައެވެ.
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީކޮށް ފިޔަވަޅު އެޅުމުގައި އެ ކޮމިޝަނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާ ކަމަށް ބުނެއެވެ.