އިންސާނީ ހައްގުތަކުގެ ތައުލީމަކީ މުޖުތަމައުގައި އިންސާނީ ހައްގުތަކުގެ ރޫހު ދިރިވުމަށް ޓަކައި ކޮންމެހެން ވެސް ބޭނުންވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމަށް އާދަވެފައިވާ ސަގާފަތެއް ބިނާކުރުމަށް އެހީވެދޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަޒުރާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ އެހެން ވިދާޅުވީ ސްކޫލް ކުދިން އިންސާނީ ހައްގުތަކަށް އަހުލުވެރިކުރުވައި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ޘަގާފަތެއް ދިރުވައި އާލާކުރުމުގެ ބޭނުމުގައި ސްކޫލްތަކުގައި ހިއުމަން ރައިޓްސް ކްލަބް ހިންގާ ޓީޗަރުންނަށް އިންސާނީ ހައްގުތަކާ ގުޅުން ހުރި އެކި ދާއިރާތަކުން މައުލޫމާތު ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހިންގި މަސައްކަތު ބައްދަލުވުން ނިމުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އަޒުރާގެ ވިދާޅުވީ ސުކޫލުގައި ކުރެވޭ ހުރިހާ ކަމަކީ ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރެވޭ ގޮތަކަށް ބައްޓަން ކުރެވޭ ހަރަކާތްތަކަކަށް ވާން ޖެހޭނެ ކަމަށާއި އެގޮތުން ސުކޫލުތަކުގައި ދެވޭ ރަސްމީ ތައުލީމްގެ އިތުރުން ނުރަސްމީ ތައުލީމުގައި ވެސް އެކަންތައް މުހިއްމު ކަމަށެވެ.

"ސުކޫލުގައި ކުރެވޭ ހުރިހާ މަސައްކަތަކީ ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރެވޭ ގޮތަށް ބައްޓަން ކުރެވިފައިވާ ކަންތައްތަކަށް ވާން ޖެހޭ. އެއީ ސުކޫލުގެ ސިޔާސަތު ކަމުގައި ވިޔަސް އަދި އެއް ޓީޗަރުން އަނެއް ޓީޗަރަކާ މުއާމަލާތް ކުރުމުގައި ވިޔަސް ދަރިވަރާ މުއާމަލާތް ކުރަން ކަމުގައި ވިޔަސް އަދި ބެލެނިވެރިންނާ މުއާމަލާތް ކުރުމުގައި ވެސް ރީތި ނަމޫނާއެއް ފެނިގެން ދިއުމަކީ މުހިއްމު ކަމެއް،" އަޒުރާ ވިދާޅުވި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ދިޔަ އެ މަސައްކަތު ބައްދަލުވުމުގައި އިންސާނީ ހައްގުތަކުގެ އާންމު ގަރާރާއި ކުޑަކުދިންގެ ހައްގުތަކާއި ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް އާއި އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ ގޮތުން ޓީޗަރުންނަށް މައުލޫމާތު ދީފައިވާނޭ ކަމަށެވެ.

އަދި އެ މަސައްކަތު ބައްދަލުވުމުގައި މާލޭގެ ހުރިހާ ސުކޫލެއްގެ ޓީޗަރުންގެ އިތުރުން ކ. އަތޮޅު މާފުށީ ސްކޫލާއި އެ ރަށުގައި ހުންނަ ކުޑަކުދިންގެ ތައުލީމާއި މަސައްކަތް އުގަންނައިދޭ މަރުކަޒުގެ 36 ޓީޗަރުން ބައިވެރިވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.