އީރާނުން، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަންނަން އަދި ތައްޔާރެއް ނޫންކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ސައީދު ޚަތީބުޒާދާ ވިދާޅުވީ، އަފްޣާނުގެ ސަރުކާރު ބަލައިގަންނަ ހިސާބެއްގައި އަދި އީރާން ނެތް ކަމަށެވެ.

"އުންމީދަކީ އަފްޣާނިސްތާނުން އެ ގައުމުގެ ސަރުކާރު، ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގަންނާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުން،" ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އީރާނުން ވަނީ އަފްޣާން ސަރުކާރު އެންމެން އެކުލެވޭ ސަރުކާރެއްގެ ގޮތުގައި ބައްޓަންވެގެން މެނުވީ އެ ސަރުކާރު ބަލައިގަނެވެން ނެތްކަމަށް ބުނެފައެވެ. އީރާނުން މިހެން ބުނެފައިވަނީ އަފްޣާނިސްތާނަކީ ތަފާތު ނަސްލުތަކުގެ މީހުން ދިރިއުޅޭ ގައުމަކަށް ވުމުންނެވެ.

އީރާނަކީ، ޗައިނާ އާއި ރަޝިއާގެ އިތުރުން އަފްޣާނިސްތާނުގައި ޑިޕްލޮމެޓިކް މިޝަންތައް ކުރިއަށް ގެންދާ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އީރާނާއި އަފްޣާނިސްތާނަކީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ދެ ގައުމެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ހޯދީ، 2001 ވަނަ އަހަރު އެ ޖަމާއަތުގެ ސަރުކާރު ވައްޓާލި އެމެރިކާ ސިފައިން އެގައުމުން ފޭބުމާ އެއްކޮށެވެ. އަދި އެ ޖަމާއަތުން މިދިޔަ އޮގަސްޓު މަހުގެ 15ގައި ކާބުލްއަށް އެރުމާ އެކު އޭރުގެ ރައީސް އަޝްރަފް ޣަނީ ގައުމު ދޫކުރައްވާ ވަޑައިގަތުމުންނެވެ.