05 Jan 2022, 10:00
އެމެރިކާގެ ނިއުޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކޫމޯގެ މައްޗަށް އުފުލި ޖިންސީ ފުރައްސާރައިގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.
ނިއުޔޯކްގެ އަލްބަނީ ކައުންޓީގެ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން ކޫމޯގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ އެ ދައުވާ ސާބިތުކުރަން ބޭނުންވާވަރަށް ހެކި ނެތުމުން ކަމަށް އެ އޮފީހުން ބުންޏެވެ.
އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ދައުވާ ކޫމޯގެ މައްޗަށް ކުރީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. އޭނާ އެ ތުހުމަތުތައް ދޮގު ކުރި ނަމަވެސް، ނިއުޔޯކްގެ އެޓާނީ ޖެނެރަލް ކުރިއަށްގެންދެވި ތަހުގީގަކުން ވަނީ ކޫމޯ މިފަދަ އަމަލުތައް ހިންގާފައިވާކަން ސާބިތުވެފައެވެ. އެ ތަހުގީގުގައިވާ ގޮތުން ކޫމޯ ވަނީ 11 އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފައެވެ.
އެ ތަހުގީގުން އެކަން ހާމަވި ނަމަވެސް، އޭނަގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅަން އެ ރިޕޯޓުގައި ލަފާދީފައެއް ނުވެއެވެ.
ކޫމޯ ވަނީ އެ ރިޕޯޓަށް ފަހު ގަވަރުނަރުގެ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ. އަދި އޭނަގެ އަމަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ އަންހެނުންގެ ފަރާތުން ކޫމޯ ވަނީ މައާފަށްވެސް އެދިފައެވެ.
ކޫމޯ އޭރު މަގާމުން އިސްތިއުފާދެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް އެކަމަށް ގޮވާލެއްވި ފަހުންނެވެ.
ދެހާސް ދިހަ ވަނަ އަހަރު ނިއުޔޯކުގެ ގަވަރުނަރުގެ މަގާމަށް ކޫމޯ އިންތިހާބުވެވަޑައިގަތް ކޫމޯ ވަނީ ޖުމުލަ 10 އަހަރު ވަންދެން އެ ސްޓޭޓުގެ ގަވަރުނަރުކަން ކުރައްވައިފައެވެ. އޭގެ ކުރިން އޭނާ ވަނީ އެ ސްޓޭޓުގެ އެޓާނީ ޖެނެރަލްކަންވެސް ކުރައްވާފައެވެ.