ގެއްލިގެން ހޯދަމުން އަންނަ "އަލަމާ 5" ދޯނީގައި ދަތުރުކުރި ދެ ބިދޭސީން ފެނިއްޖެއެވެ.

ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި މި ދޯނި އަޑިއަށް ގޮސް ގެއްލުނުތާ މިހާރު ވަނީ 24 ގަޑިއިރު ވެފައެވެ.

އެ ދޯނިން ދަތުރުކުރި މީހުން ގެއްލުނީ ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސްގެނެވެ.

އެ ދޯނިން ދަތުރުކުރި މީހުންގެ ތެރެއިން ފެނުނީ ބަންގްލަދޭޝްގެ އަސަދުލް އިސްމާލް، 37، އާއި ބަންގްލާދޭޝްގެ އިތުރު މީހެކެވެ.

މިހާރު ނުފެނި ވަނީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް,32, އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ދެ ބިދޭސީން ސަލާމަތްކުރީ ދޯނީގައި ހުރި ހަންތަކެއްގައި އައްސައިގެން ކަނޑުމަތީގައި ތިއްބައެވެ.

އެ މީހުން ކަނޑުމަތީގައި ތިބިކަން އެނގުނީ ފޯނަށް ގުޅޭގޮތްވުމުންނެވެ.

ފެނުނުއިރު އެ މީހުން ތިބީ އދ. ދަނގެތި ކައިރީގައެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އިން އަދި ވަކިއެއްޗެއް ނުބުނެއެވެ.

އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ. އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑަށް ވަނީ ފެނިފައެވެ.