04 Jan 2022, 23:20
ގެއްލިގެން ހޯދަމުން އަންނަ "އަލަމާ 5" ދޯނީގައި ދަތުރުކުރަމުން ދިޔަ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.
ފ. ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި މި ދޯނި އަޑިއަށް ގޮސް ގެއްލުނުތާ މިހާރު ވަނީ 24 ގަޑިއިރު ވެފައެވެ.
ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން ދޯނި ދިޔަވެ، އަޑިއަށް ގޮސް އޭގެން ދަތުރު ކުރި ތިން މީހުން ވަނީ ގެއްލިފައެވެ.
ފުލުހުން މިރޭ ބުނީ ދޯނީގައި ދަތުރުކުރަމުން އައި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ކ. ގުރައިދޫ/ ނަލަވާ، އާދަމް ޝަފީޤް,32,އާއި ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަސަދުލް އިސްމާލް,37, ކަމަށެވެ.
ގެއްލިފައިވާ ތިންވަނަ މީހާއަކީ ބިދޭސީ ފިރިހެނެކެެވެ. އެމީހާގެ މައުލޫމާތު ހޯދައި، ވެރިފައިކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރު 3322111 އަށް ނުވަތަ ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792782 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުއްސަރުގެ ހުޅަނގު ދެކުނުން ހަތަރު ވަރަކަށް ނޯޓިކަލް މޭލުން އަލަމާ-5 ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާއިރު، އެ ދޯނިވެސް ފެނިފައެއް ނުވެއެވެ.

ކޯސްޓްގާޑާއި ޑޯނިއާ މަތިންދާބޯޓުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަނީ
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ދޯންޏާއި ފަޅުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މިހާތަނަށް ވަނީ ކަނޑާއި ވައިގެ މަގުން 2720 ސްކޮޔާ ނޯޓިކަލްމޭލްގެ ސަރަޙައްދެއް ބަލާފައެވެ. ފަޅުވެރިން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާއިރު މި ކަމުގައި ހަރަކާތްތެރިވަމުން ދަނީ އެމްއެންޑީއެފް ޑޯނިއާ ފްލައިޓާއި ކޯސްޓްގާޑް އެކޯ-905 ސީ އެމްބިއުލާންސެވެ.
ދޯންޏާއި ފަޅުވެރިން މިހާތަނަށް ފެނިފައިނުވާއިރު، އެ ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން އެއް ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑަށް ވަނީ ފެނިފައެވެ.