08 Mar 2012, 17:30
ޏ.ފުވައްމުލަކު މެޖިސްޓްރޭޓްކޯޓްގެ މެޖިސްޓްރޭޓް އަހުމަދު ލަތީފަށް ރޭ ފަތިހު ބަޔަކު ހަމަލަދީ ޒަހަމްކޮށްލުމުން ޖުޑިޝަލްސާވިސް ކޮމިޝަން ( ޖޭއެސްސީ) އާއި އަދާލަތުޕާޓީން އެކަން ކުށްވެރިކޮށްފި އެވެ.
މެޖިސްޓްރޭޓަށް ހަމަލާދިން މައްސަލަ ކުށްވެރިކޮށް، ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެކަމުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެކޮމިޝަނުން ގޮވާލާ ކަމަށެވެ.
އަދި އެފަދަ އަމަލުތަކީ އަދުލު އިންސާފު ގާއިމްކުރުމަށް ބުރޫއަރާ އަދި ފަނޑިޔާރުންގެ ވާޖިބާއި ޒިންމާ އަދާކުރުމަށް ފާޅުގައި ހުރަސްއެޅުމަށް ބަޔަކު ހިންގާފައިވާ ވަރަށް ދަށުދަރަޖައިގެ، ނާތަހުޒީބު އަމަލެއް ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
އަދާލަތުޕާޓީގެ ބަޔާނުގައި ވަނީ މެޖިސްޓްރޭޓް އަބުދުއްލަތީފަށް ބަޔަކު ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދީފައި ވާތީ އެޕާޓީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރައްކާތެރިކަމާއެކު ހިނގާބިނގާވެ އުޅުމަކީ ކޮންމެ ދިވެހިރައްޔިތަކަށް ލިބެންޖެހޭ ހައްގެއް ކަމަށާއި މިހާރުގެ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ގިނަ ފަރާތްތަކެއްގެ ހައްގު ގެއްލިފައިވާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.