09 Jan 2022, 17:50
މާލެ ސަރަހައްދުގައި އެކި އެކި ކުޅިވަރުތައް ކުޅޭއިރު، ސަޕޯޓަރުން ވެއްދުން އެޗްޕީއޭއިން މަނާކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އޮމިކްރޯން ވޭރިއަންޓު ރާއްޖެއިން ފެނުމުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކުޅިބަލާ މީހުންނަށް ވަދެވޭގޮތަށް، ކުޅިވަރު މުބާރާތްތައް ނުބޭއްވުމަށް ވަނީ އަންގާފައެވެ.
ފަންސާސް މީހުންނަށް ވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.
ހަމައެހެންމެ މަގުމަތީ ބާޒާރުތައް ބޭއްވުމަކީ މަނާކަމެއް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އެ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނީ މާދަމާއިން ފެށިގެންނެވެ.
ފަހަކަށް އައިސް މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ކޮންމެ ދުވަހަކު ވެސް 100އަށްވުރެ ގިނަ މީހުން މާލެއިން މިފަހަކަށް އައިސް ޕޮޒިޓިވްވެއެވެ.