04 Jan 2022, 21:07
މަސްތުވާތަކެތީގެ އޮޕަރޭޝަންތަކާ ގުޅިގެން ވަކި ބަޔަކު ހިތްހަމަނުޖެހުނު ނަމަވެސް، އެ މަސައްކަތް ހުއްޓާނުލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ ރާއްޖެއަށް މިވަގުތު އިޖުތިމާއީ ގޮތުން ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ.
"ޑްރަގްގެ ވަބާ ނެތް، މިކަން ފެތުރިފައި ނެތް، ރާއްޖޭގައި މިހާރު މަދު ކަމަށް ދެންނެވިދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަން ހައްލު ކުރުމަށް ޓަކައި ، އެ ކަމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އަދި އޭގެ ނަތީޖާ މި އަހަރުގެ މެދުތެރޭގައި ފެންނަން ފަށާނެ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަކީ ރާއްޖެއިން ބޭރުން އެތެރެކުރާ އެއްޗެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ ހުއްޓުވަން ބޭނުންނަމަ ބޭރު ގައުމުތަކުގެ އެހީ ހޯދަން މަޖުބޫރުވާ ކަމަށެވެ.
"މި ކަމުގައި ބޭރުގެ އެހީ ވެސް ހޯދަން ޖެހޭނެ. އެއާ އެކީގައި އަޅުގަނޑުމެންގެ ބޯޑަރުތައް ބަލަހައްޓަމުން މިގެންދަނީ، އެނގިވަޑައިގަންނަވާނެ ވޭތުވެދިޔަ އަހަރު ތެރޭގައި މިއިން ދުވަހަކު އަތުލައި ނުގަންނަ ވަރުގެ ޑްރަގު ރާއްޖެއަށް އެތެރެކުރަނިކޮށް ވާނީ އަތުލައިގެންފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަންނާތީ ކަންބޮޑުވާ ބަޔަކު އުޅޭ ކަމަށާއި އެހެންނަމަވެސް އެ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.
"އެއީ ޑްރަގުގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި ވަގު ވިޔަފާރިއަށް ދެވި ހިފައިފައިވާ ފަރާތްތައް، އެ މީހުންނަކަށް ކަމަކު ނުދާނެ މި ކަމެއް، އެހެންނަމަވެސް އެ ކަމެއް ހުއްޓައެއް ނުލާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޖީލަކަށް ފަހު ޖީލެއް އެ ވަބާގައި ޖެހި، ނެތިދާ ތަން ބައްލަވަން ނުހުންނަވާނެ ކަމަށާއި ލިބެން އޮތް އެހީތެރިކަމާއެކު އެ ކަން ހުއްޓުވުމަށް ކުރަން ޖެހޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު މަސްތުވާތަކެތި އަތުލައިގަންނަމުން އަންނާތީ، އެ ކަމާ ކަންބޮޑުވެގެން ހިންގަމުން އަންނަ ކެމްޕެއިނެއް ކަމަށް އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ވިދާޅުވެފައެވެ.