ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަންނަން ޖެހިއްޖެ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ އެކަންކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ސޫރިޔާގެ މައްސަލައާ ބެހޭ ބައިނަލްއަޤްވާމީ ބައިވެރިންނާ މަޝްވަރާކުރަމުންގެންދާ ކަމަށް އެމެރިކާ ބުނެފި އެވެ.

އެމެރިކާގެ ދިފާޢީވަޒީރު ލިޔޮންޕެނެޓާ ވިދާޅުވީ ސޫރިޔާގެ ރައްޔިތުންނަށް އެހީތެރިވުމަށް އެމެރިކާ އޮތީ ތައްޔާރަށް ކަމަށާމި ކަމަށްޓަކައި ޢަސްކަރީ ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެކަމަށް ވެސް އެމެރިކާ ފަސްނުޖެހޭނެ ކަމުގަ އެވެ.
ޕެނެޓާ މިހެން ވިދާޅުވެފައިވާ އިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ސޫރިޔާގެ މައްސަލަ ކިތަންމެ ބޮޑުވި ނަމަވެސް އެޤައުމާ މެދު އެކަހެރި ގޮތެއްގައި ޢަސްކަރީ ފިޔަވަޅެއް އެމެރިކާ ނާޅާނެ ކަމުގަ އެވެ.

ސޫރިޔާއާ ދެކޮޅަށް އެކަހެރި ގޮތެއްގައި ޢަސްކަރީ ފިޔަވަޅެއް އެމެރިކާ އެޅުމަކީ އެކަމުގެ ނަތީޖާ ގޯސްވެގެންދާނެ ކަމެއް ކަމަށާއި އެމެރިކާ މަސައްކަތް ކުރަމުން ގެންދަނީ ސޫރިޔާގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ދުނިޔޭގެ ޤައުމުތައް ނެރުމަށް ކަމަށް ވެސް އޮބާމާ ވިދާޅުވެފައިވެ އެވެ.

އަނެއްކޮޅުން ސޫރިޔާގެ ރައްޔިތުންނަށް އިންސާނީއެހީ ފޯރުކޮށްދިނުމަށް މަގުފަހުކުރުމަށް ޓަކައި އިންސާނި އެހީއާ ބެހޭ އދ.ގެ މަސްއޫލުވެރިޔާ ވެލްރީ އާމޮސް މިއަދު ވަނީ ދިމިޝްޤަށް ވަޑައިގެން ސޫރިޔާގެ ޚާރިޖީ ވަޒީރު ވަލީދުލްމުޢައްލިމްއާ ބައްދަލުކުރައްވާފަ އެވެ. ރިޕޯޓްތައް ބުޏާގޮތުން ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކުރިމަތިލުން އެންމެ ބޮޑަށް ހިނގަމުންދާ ޙިމްސް އަށް އާމޮސް މިއަދު ކުރެއްވި ޒިޔާރަތުގައި އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިއޮތް ބާބަ ޢަމްރު އަވަށަށް ވަނުމުގެ ފުރްސަތު އެކަމާއަށް ލިބިފައެއްނުވެ އެވެ.

ބާބާ ޢަމްރަކީ ދެ ފަރާތުގެ ކުރިމަތިލުންތަކުގައި އެންމެ ބޮޑަށް ގެއްލުންލިބިފައިވާ އަވަށެވެ. މިއަވަށުގެ ބޮޑުބައެއް މިހާރު ވަނީ ބިމާހަމަވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއަވަށަށް ރެޑް ކްރެސެންޓް ޖަމާއަތުން ވަނުމަށް ކުރި މަސައްކަތަށް ސޫރިޔާ ސަރުކާރުން ހުރަސްއަޅާފައިވާ ކަމަށް އދ. އިން ވަނީ ތުހުމަތުކޮށްފަ އެވެ. (އަލްޖަޒީރާ)