04 Jan 2022, 18:16
އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ޖިނާއީ މައްސަލަތަކެއް ހުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން ނިންމައިފިއެވެ.
ޕީޕީއެމްގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް މެމްބަރު އަހްމަދު ސިއްދީގު ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ފޭރިގެންފައިވާކަން ވަރަށް ސާފުކޮށް އެެނގެން އެބައޮތް ކަމަށެވެ.
އެހެންކަމުން އެފަދަ މައްސަލަތަކެއް ހުރިކަން އެނގިތިބެމެ، ކަމާބެހޭ ފަރާތްތަކަށް ހުށަނާޅާ ދޫކޮށްލުމަކީ އިދިކޮޅު ޕާޓީއެއްގެ ޒިންމާ އަދާކުރުމުން ރެކެވެނީ ކަމުގައި ނޫނީ ނުވާނެ ކަމަށް ވިދާޅުވިއެވެ.
"މި އިންތިހާބަކީ ގާނޫނު ތަކާ ހިލާފަށް ހިންގާފައިވާ ޖަރީމާތަކެއް އޭގެ ތެރޭގައި ހިމެނޭ އިންތިހާބަކަށް ވާތީވެ، އެކަމުގައި ހައްގު ގެއްލިފައިވާ ފަރާތަކަށް އެ ހައްގުތައް ހޯދައިދިނުމަށް ޓަކައި ގާނޫނީ އިމުގެ ތެރެއިން އެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިއަދު ތެދުވީ. އެހެންވީމަ ޕީޕީއެމްގެ ލީޑަޝިޕްގެ ފަރާތުން މި މައްސަލަ މިދަނީ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ތައްޔާރުވަމުން،" ސިއްދީގު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އާދަމް އާސިފް ވިދާޅުވީ ބައެއް ފޮށިތަކުގެ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ މައި އިދާރާއާހަމައަށް ނުގެނެވި އުޅެނިކޮށް ދާއިމީ ނަތީޖާ އިއުލާނު ކުރި ކަމަށެވެ.
"އިލެކްޝަނަށް ގެނައުމަށްފަހުގައި ވެސް އޭގެން އެއްވެސް ވޯޓު ފޮއްޓެއްވެސް ގުނާފައެއް ނުވޭ. ހަމަ އެއާއެކު ދާއިމީ ނަތީޖާ އިއުލާނު ކުރީ ވެސް އެއްވެސް ވޯޓު ކަރުދާހެއް ގުނުމަކާ ނުލާ ހަމައެކަނި ޝަރީފް ތައްޔާރުކޮށްދީފަ ފޮނުވި ނަތީޖާ ޝީޓް ތަކަކަށް ބަލައިގެން،" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ވޯޓު ކަރުދާސްތައް އަންދާނުލި ނަމަ، އޭގައި ހިމެނޭ ތިން ސެކިއުރިޓީ ފީޗާއެއް މަދުކަން ޔަގީންކުރެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ވޯޓު ލަމުން ދިޔަ ވަގުތުގައި ވެސް ވޯޓު ފޮށި ތަކާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި އެތައް ޝަކުވާ ތަކެއް ހުރި ކަމަށެވެ. ނަމަވެސް ޝަކުވާތައް ހުށަހަޅަން ބެލިއު ކޮމްޕްލެއިންސް ބިއުރޯ ވަނީ ވުޖޫދުން ގެއްލުވާލާފައި ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމްގެ ފަރާތުން ހުށަހަޅަން ތައްޔަރުންވަމުން އަންނަ މައްސަލަތަކުގެ ތަފުސީލެއް ނުދެއްވައެވެ. ވަކީލުން ވިދާޅުވީ އެ މައްސަލަތަކުގެ ތަފުސީލު ހާމަނުކުރީ ހުށަހަޅަން ތައްޔާރުވަމުން އަންނަ މައްސަލައަކަށް ވާތީ ކަމަށާއި ނަމަވެސް ފަހުން އެ މައުލޫމާތުތައް ހިއްސާ ކުރައްވާނެ ކަމަށެވެ.
މީގެ ކުރިން ރައީސް ޔާމީން ވެސް ވަނީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށްފަހު، އެމަނިކުފާނަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.
ނަމަވެސް އޭގެ ފަހުން، ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށްބުނެ، މަގުމައްޗަށް ނުކުމެ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންދަން ފެށިއެވެ. އޭގެ ތެރެއިން މުޒާހަރާއެއްގައި ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށެވެ. މީގެ އިތުރުން އިލެކްޝަން ކޮމިޝަނަށް ބަޔަކު ނުޒޫފު ފޯރުވާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކުރުމަށް މީގެކުރިން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމަވައިފައި ވަނީ އިންތިހާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާއިރު، އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވާ ކަމަށެވެ.