ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ވީހާވެސް އަވަހަށް ފާސްކޮށްދިނުމަށް ޕީޕީއެމުން މިއަދު ގޮވާލައިފި އެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ރާޝިދާ ޔޫސުފް ވިދާޅުވީ އަންހެނުންގެ ދުވަހެއް ފާހަގަކުރާއިރު ރާއްޖޭގެ އަންހެނުން ތަފާތު ދާއިރާތަކުން ކުރިއެރުންތަކެއް ހޯފދާފައި ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އަންހެނުންނާ މެދު ކުރާ އަނިޔާވެރި އަމަލުތަކުން އަންހެނުން ރައްކާތެރިކުރަން ގެވެށި އަނިޔާގެ ބިލް ފާސްކުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އަދިވެސް އަޅުގަނޑުމެން ސަމާލްކަން ދޭން ޖޭހޭ އެއްކަންތައް އެބައޮތޭ. އެއީ މިއަދު ރައީސުލްޖުމުހިރްޔާ ވެސް ވިދާޅުވިފަދައިން ގޭތެރޭގަ އާއި މަސައްކަތުގެ މާހައުލުގައި ވެސް އަންހެނުންނަށް ލިބޭ އަނިޔާ ތައް ހުއްޓުވާލުން. ގެވެށި އަނިޔާ ހުއްޓުވުމާބެހޭ ބިލަށްވަނީ ޑިބޭޓްކުރަން ފެށިފައި. އަޅުގަނޑު އެދެން ވީހާވެސް އަވަހަކަށް އެ ބިލް ފާސްކޮށްދެއްވުމަށް،" ކުރީގެ މިނިސްޓަރު ރާޝިދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލިހަށް ހުށައަޅާފައިވާ ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭބިލް ފާސްވުމާއި އެކު އަންހެނުންގެ ހަޔާތަށް އިތުރު އަލިކަމެއް ލިބިގެން ދާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށާއި އެ ބިލް ފާސްވުމާއެކު ބިލްގައިވާ ގޮތަށް އަންހެނުންނަށް ސައިކޯ ޝޯސަލް އެހީ ލިބޭނެ ނިޒާމް ތައް ކަނޑައަޅައި ސަރުކާރާއި އަމިއްލަ ޖަމާއަތްތަކުން އެކަން ކަމަށް އަޅާލައި އެފަދަ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ފަށަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ކަންބޮޑުވާ އެއް ކަންތައްތަކަކީ އަންހެނުންނަށް ލިބޭ އަނިޔާ ތައް. އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް ހީވޭ އަންހެނުންނަށް އިހާނެތި ގޮތް ހެދުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް. އެހެންނަމަވެސް އިންސާނީ ހައްގުތަކަށް ބަލާއިރު އަންހެނަކަށް ވެސް އަދި ފިރިހެނަކަށް ވެސް އިހާނެތި ގޮތެއް ހެދުމަކީ ރަނގަޅު ކަމެއް ނޫން،" ރާޝިދާ ވިދާޅުވި އެވެ.

ރާޝިދާ ވިދާޅުވީ ވޭތުވެދިޔަތަނާ އަޅާބަލާއިރު ރާއްޖޭގައި އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މީގެކުރިން ވެސް ކުރެވިފައިވާ ކަމަށާއި އަދިވެސް އަންހެނުންގެ ހާލަތު ރަނގަޅުކޮށް ކުރިއަރުވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަންހެނުންގެ ތަރައްގީގެ ދާއިރާއިން ތަފާތު ރޮގުން ތައުލީމީ ދާއިރާއިންނާއި އިގްތިސާދީ ރޮގުންނާއި އިޖްތިމާއި ރޮގުންނާއި ސިޔާސީ މައިދާނުން އަންހެނުން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްތަކެއް ދަނީ ކުރެވެމުން،" ރާޝީދާ ވިދާޅުވި އެވެ.