މޮނިޓަރިންގައި އޮތް ރަށުގެ އަދަދު މިދިޔަ ހަ ދުވަސްތެރޭ 16އިން އަށެކަށް މަދުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެެޗްޕީއޭ)އިން މިއަދު އާއްމުކުރި ލިސްޓުގައި ވާގޮތުން، މިވަގުތު މޮނިޓަރިންގައި އޮތީ އަށް ރަށެވެ. މިދިޔަ ބުރާސްފަތި ދުވަހު މޮނިޓަރިންގައި އޮތީ 16 ރަށެވެ.

އޭގެ ތެރެއިން މުލައް ފިޔަވައި ބާކީ ހުރިހާ ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މުލައް މޮނިޓަރިންއަށް ލާފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކަކީ:

  • މ. މުލައް

  • ތ. ވިލުފުށި
  • ގދ. ވާދޫ
  • ކ. ތުލުސްދޫ
  • ހދ. ނައިވާދޫ
  • ދ. ހުޅުދެލި
  • ކ. މާފުށި
  • ހއ. އިހަވަންދޫ

އާ އަހަރު ފެށުނު އިރު މޮނިޓަރިންގައި އޮތީ 12 ރަށެވެ.

މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 96،294އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު 2609 މީހުން ކޮވިޑަށް ފަރުވާ ހޯދަމުން ދާއިރު އޭގެ ތެރެއިން 12 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި އެނދުމަތިކޮށްގެން ފަރުވާދެމުންނެވެ.

މިއަދާ ހަމައަށް ކޮވިޑު ބަލިން މުޅިން ފަސޭހަވި މީހުންގެ ޖުމުލަ އަދަދަކީ 93،410އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 263 މީހުން ވަނީ މަރުވެފައެވެ.

މާލެ ސަރަހައްދުގެ ޕޮޒިޓިވިޓީ ރޭޓް މިހާރު އުޅެނީ ހަތް ޕަސެންޓްގައެވެ.