04 Jan 2022, 14:57
ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހު، ކޮވިޑް-19 ކޭސްތައް ރާއްޖޭގައި އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެފައިވާ ކަމަށާއި އެހެންކަމުން ކޮވިޑާ ގުޅިގެން އަޅައިފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނ. ލަންދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފާއިތުވީ ދެ އަހަރަކީ، ރާއްޖޭގައި ތާރީހު ލިޔެވެން ފެށި ފަހުން ދިމާވި އެންމެ ހައްސާސް ދެ އަހަރު ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާއިން ސަލާމަތް ވުމުގެ އުންމީދަކާ ހަމައަށް ދިވެހިންނަށް މިހާރު އާދެވިފައިވާ ކަމަށެވެ.
"މި ސަރަހައްދުގައި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވި، އިގްތިސޯދު ހަލުވި މިނެއްގައި ކުރި އަރައިދާ ގައުމެއްގެ ގޮތުގައި މިއަދު ވެފައި މިއޮތީ މި ރާއްޖެ، މިކަން އަޅުގަނޑުމެންނަށް ހާސިލް ކުރެވުނީ ސަރުކާރާއި ރައްޔިތުންނާއި އެކިއެކި މުވައްސަސާތަކާއި އަމިއްލަ ޖަމާއަތްތަކެއް ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.
ދުނިޔޭގައި އަލަށް ފެތުރެމުން އަންނަ ކޮވިޑް ވޭރިއަންޓަކީ އިންޒާރެއް ކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ މި ވޭރިއަންޓުގެ ބިރު ރާއްޖެއަށް ވެސް އެބައޮތް ކަމަށެވެ.
އާ ވޭރިއަންޓާ ގުޅިގެން ޓެގް ޓީމާއެކު އިއްޔެ މަޝްވަރާތައް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ހާލަތު ގޯސްވެދާނެ ކަމުގެ ފުރުސަތު އޮތް ކަން ރައީސް ފާހަގަކުރެއްވިއެވެ.
"ސިއްހީ މާހިރުން އަޅުގަނޑުމެންނަށް ލަފާ ދެއްވީ ކުރިއަށް މިއޮތް ތިން ހަފްތާއަކީ އަނެއްކާ ވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރިގެން ދިއުމުގެ ފުރުސަތު އޮތް ތިން ހަފްތާކަމަށް، އެއީ މި ވޭރިއަންޓު މިހާރު ރާއްޖޭއިން ފެނިފައިވާތީ،" ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް ވަނީ، ސިއްހީ މާހިރުންގެ އިރުޝާދުގެ މަތީން ކޮވިޑާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކަށް އިތުރަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ތަންތަން ބަންދު ނުކޮށް، އާންމު ހާލަތަކައިގެން ކުރިއަށް ދިއުމަށް މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މާލެއިން ރިކޯޑު އަދަދަކަށް އިއްޔެ މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ 97 މީހުންނެވެ.
މުޅި ރާއްޖެއިން އިއްޔެ 242 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.