ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު މާފަރަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

މާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ އެއާޕޯޓު ބޮޑުކޮށް، ހިދުމަތްތައް އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުން އަންނަ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ.

ރައީސް ސޯލިހު މާފަރު ރައްޔިތުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ/ ރަައީސް އޮފީސް

މި މައްސަލަތައް ހައްލުކޮށް، އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ ތެރެއިން ރަންވޭ އާއި ޓާމިނަލްގެ ޖާގަ ވެސް ބޮޑު ކުރެވިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ އެއާޕޯޓުން ފްލައިޓަށް ތެޔޮ އެޅޭނެ އިންތިޒާމު ވެސް ހަމަޖެއްސުމަށް ރާވައިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މި މަޝްރޫއާއެކު އައިލެންޑް އޭވިއޭޝަނުން އެ ރަށުގައި ހޮޓެލެއް އެޅުމަށް ނިންމައިފައިވާ ކަމަށާއި މި މަޝްރޫއުތައް ނިމުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މިފަދަ ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުން އެދޭ ކަންކަން ހޯދައި، ރާއްޖޭގެ ތަރައްގީއަށް އިތުރަށް ކުރަންހުރި ކަންކަން ދެނެގަތުން ކަމަށެވެ.

މީގެ އިތުރުން މާފަރުގެ ސިއްހީ މަރުކަޒަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްހީ މަރުކަޒުން ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމެނިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.