މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޕާކިން ސްލޮޓަށް އެދި ހުޅުވާލި އިއުލާނު ބާތިލުކޮށް، އަލުން އިއުލާނު ކުރުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ޕާކިން ސްލޮޓަށް ކުރިމަތި ލާފައިފާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީ އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އެހެންކަމުން ޕާކިން ސްލޮޓްތައް ދޫކުރަން އަލުން އިއުލާނު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އެހެންކަމުން، 211 ޕާކިން ސްލޮޓަށް އެދުމުގެ ފުރުސަތު އަލުން ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ނަމަވެސް އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާނެ ވަކި ތާރީހެއް ސިޓީ ކައުންސިލުން ނުދެއްވައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިޓީ ކައުންސިލުން ވަނީ 350 ކިލޯގެ ޕިކަޕާއި, ވޭނާއި ކާރަށް ޖާގަ ދޫކުރުމަށް، މާލޭގެ 10 ސަރަހައްދުން ޖުމްލަ 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައެވެ. އެ ސްލޮޓްތަކުގެ ގުރު ނަގާފައި ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ.

ނަމަވެސް އެ ގުރުއަތުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށް ބުނެ، ޑިސެމްބަރު ހައެއްގައި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިއެވެ.

އެހެންކަމުން ޕާކިން ސްލޮޓްގެ ގުރު އަލުން ނަގަން ސިޓީ ކައުންސިލުން ނިންމިއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ގުރުނަގަން ހަމަޖެއްސުމަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހަށް ގުރު ނެގުން ލަސްކުރިއެވެ. ސަބަބަކަށް ސިޓީ ކައުންސިލުން ބުނީ، ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރިއަށް ގެންދިއުމަށް ޓަކައި ކަމަށެވެ.

އޭގެ އިތުރުން، ގިނަ އަދަދެއްގެ މީހުން ކުރިމަތިލާފައި ވުމުން، އިދާރީ ގޮތުން ކުރަން ހުރި ކަންކަން ވީހާވެސް ރަނގަޅަށް ކުރުމަށްޓަކައި ތާރީހު ފަސްކޮށްލީ ކަމަށާއި ސްކޫލް ބަންދުވުމުން ގިނަ މީހުން މާލޭގައި ނުތިބޭނެކަން ސިޓީ ކައުންސިލުން އޭރު ފާހަގަކުރިއެވެ.