ސަސްޕެންޑްވެފައި ހުރި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) ނުލައި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅެ 3-1 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ 3500 މީހުންގެ ޖާގައިގެ ހަލްޗޮކް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު 19 ވަނަ މިނެޓުގައި ޖަހާ، މެޗުގެ ލީޑް ނެގީ ރާއްޖެއިން ނެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގައި ހަސަން އަދުހަމް އެވެ.

ގައުމީ ޓީމްގެ މުހިންމު ބައެއް ކުޅުންތެރިން ނުލައި ކުޅުނު މިމެޗުގައި ތުރުކުމެނިސްތާނުން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ރުސްލަން އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު، މެޗުގެ ނަތީޖާ އަކީ ދެ ޓީމް ވެސް 1-1 ލަނޑުން ހަމަހަމަ ވެފައި ވުމެވެ.

މިއަދުގެ މެޗުގައި ރާއްޖެ އަތުން ތުރުކުމެނިސްތާނުން ބަދަލު ހިފާ، މެޗުގެ ލީޑް ނެގީ ރާއްޖޭގެ އިބްރާހިމް ފަޒީލް (އޮއްޕޮ) މެޗުގެ 32 ވަނަ މިނެޓުގައި ރާއްޖޭގެ ގޯލް ކުރިމަތިން ތުރުކުމެނިސްތާންގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން، އިދިކޮޅު ތުރުކުމިނިސްތާނަށް ލިބުނު ހިލޭ ޖެހުމެއްގަ އެވެ.

މެޗުގެ ފަހު ހާފުގައި ތުރުކުމެނިސްތާނުން މެޗުގެ ނަތީޖާ 2-1 ލަނޑަށް ބަދަލުކޮށްލިތާ ހަތަރު މިނެޓު ވެސް ނުވަނީސް ރާއްޖޭގެ އަހުމަދު ތޯރިގް (ޓޮމް) ކުރިފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލައިފަ އެވެ.

ނުވަ ކުޅުންތެރިންނާއެކު މެޗުގެ ބާކީ ބައި ރާއްޖެ ކުޅެންޖެހުނު ނަމަވެސް، އިދިކޮޅު ތުރުކުމެނިސްތާނުން ވަނީ ރާއްޖޭގެ އެއްކުޅުންތެރިއަކު ނެތް ކަމުގެ ފައިދާ ނަގާ މެޗުގެ ލީޑް 3-1 ލަނޑަށް ބަދަލު ކޮށްލައިފައެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު، 3-1 ލަނޑުން މެޗު ކާމިޔާބުކޮސް މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ކަށަވަރު ކުރީ ތުރުކުމެނިސްތާނެވެ.

މުބާރާތުގައި މިއަދު ކުޅޭ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ މުބާރާތް ބާއްވާ ގައުމު ކަމުގައިވާ ނޭޕާލާއި ޕަލަސްތީނެވެ. އަދި މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީ ގެ ދެމެޗެވެ. ފުރަތަމަ މެޗުގައި މާދަމާ ރާއްޖެ ގަޑިން 2:15 ގައި ބައްދަލުކުރާނީ އުތުރު ކޮރިޔާ އާއި ޕިލިޕީންސް އެވެ. އަދި ދެ ވަނަ މެޗުގައި މާދަމާ ހަވީރު 4:15 ގައި ބައްދަލުކުރާ ދެޓީމަކީ އިންޑިއާ އާއި ތަޖިކިސްތާނެވެ.