04 Jan 2022, 11:34
ސްރީލަންކާއަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެ ގައުމުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެން ފެށުމުން އުޅެވެން ނެތިގެން ދިވެހި ބައެއް އާއިލާތަކުން ރާއްޖެ ބަދަލުވާން ފަށައިފިއެވެ.
ގާތްގަނޑަކަށް 15،000 އެއްހާ ދިވެހިން ދިރިއުޅޭ ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޭރު ފައިސާ (ޑޮލަރު) ދަތިވުމުގެ މައްސަލައާ ގުޅިގެން ކާބޯތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މީގެ ކުރިން 18 އަހަރުން ދަށުގެ ކުދިންނަށް ވިސާ ފީއެއް އެގައުމުން ނުނަގާއިރު މިހާރު ކޮންމެ މީހެއްގެ ވިސާއަށް އަހަރަކު 200 ޑޮލަރު ނަގަން ވަނީ ފަށައިފައެވެ.
ސްރީލަންކާއަކީ ބޭރު ގައުމަކަށް އެންމެ ގިނަ ދިވެހިން ދިރިއުޅޭ ގައުމެވެ. ސިއްހީ އެކިއެކި ސަބަބުތަކާހުރެ ކުދިންނަށް ނަގަން ޖެހޭ ތެރަޕީތައް ނެގުމަށް ގިނަ އާއިލާތަކުން ސްރީލަންކާގައި އުޅެއެވެ.
"އެހެން އާއިލާއެއްގައި ކިތަންމެ މީހެއް އުޅޭނެ. އޭގެން ކޮންމެ މީހަކަށް 200 ޑޮލަރު ދައްކަން ވީމައި އެވޭ ވަރަށް ބޮޑު އެއްޗަކަށް. އެހެންވެ ވަރަށް ގިނަ އާއިލާތަކުން ރާއްޖެ ގޮސްފި،" އޯޓިޒަމް ދަރިފުޅަށް ތެރަޕީ ދިނުމަށްޓަކައި ލަންކާގައި ދިރިއުޅޭ ބެލެނިވެރިއަކު ބުންޏެވެ.

ސްރީ ލަންކާގެ ކޮލޮމްބޯ: އެ ގައުމުގައި 15،000 އެއްހާ ދިވެހިން އުޅޭ-- ފޮޓޯ: ގެޓީ އިމޭޖްސް
ބޭރުފައިސާގެ ރިޒާވް ދައްވުމުން ސްރީލަންކާގައިވަނީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުއުފުލުމުގެ ކަންތައް އިންތިހާއަށް ގޮސްފައެވެ. ފާއިތުވި ނޮވެމްބަރު މަހު 17 އިންސައްތައަށް އަދި ޑިސެންބަރު ތެރޭގައި 22 އިންސައްތައަށް ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް ސްރީލަންކާގެ ސެންސަން އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މީލާދީ އައުއަހަރު ފެށުނުއިރު ހިކިކިރުގެ އަގުވެސް ސްރީލަންކާގައިވަނީ 12.5 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ ސްރީލަންކާގެ ބޮޑެތި ބާޒާރުތަކުން ގެންދަނީ ހިކިކިރު، ހަނޑޫ، ހަކުރު ފުށް އަދި މުގު ފަދަ ސްރީލަންކާގެ ރައްޔިތުން ކެއުމަށް ބޭނުންކުރާ އާސާސީ ބާވަތްތައް ވިއްކުން ކޮންޓުރޯލް ކުރަމުންނެވެ.
ލަންކާގައި ދިރިއުޅޭތާ ފަސް އަހަރު ވެފައިވާ ހަދީޖާ އަލީ ބުނީ އެންމެ ދަތިވަނީ ގޭސް ހޯދަން ކަމަށެވެ. އެއްވެސް ވަރަކަށް ގޭސް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި ކުރިއާ ބަލާއިރު ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ބުންޏެވެ.
"ކިރަށް ބެލިޔަސް، ތެލަށް ބެލިޔަސް ހުރިހާ އެއްޗެއް ވެސް އަގު ބޮޑު. އަނެއްކާ ބައެއް ފިހާރަތަކުން ސްޓޮކް ނެތް ކަމަށް ބުނެ ވަރަށް ނުވިއްކަން ވެސް އުޅޭ،" ހަދީޖާ ބުންޏެވެ.
ކުރިން އޮޓޯ ދަތުރެއް 50 ރުޕީސްއިން ފަށާއިރު މިހާރު ދަތުރެއް ފަށަނީ 80 ރުޕީސްއިން ކަމަށް ވެސް އޭނާ ބުންޏެވެ.
"ތަކެއްޗާއި ހިދުމަތްތައް ވެސް ކުރިއާ ބަލާއިރު ހަމަ އަގު ބޮޑުވެއްޖެ. އެހެންވެ ވަރަށް ހާލުގައި މިތިބީ މިހާރު،" ހަދީޖާ ބުންޏެވެ.
އޭނާ ވެސް ބުނީ ވިސާ ފީ ދައްކަން ޖެހުމާއި ތަކެތީގެ އަގުތައް އުފުލިފައިވާތީ ގިނަ ދިވެހިންތަކެއް ރާއްޖެ ބަދަލުވާން ފަށާފައިވާ ކަމަށެވެ.
ދިވެހިންގެ އެކަންބޮޑުވުންތަކާ ގުޅިގެން ސްރީލަންކާގައި ހުންނަވާ ދިވެހި ރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާގު ވިދާޅުވީ ހާލުގައި ޖެހިގެން އެއްވެސް ދިވެއްސަކު އެހީތެރިކަމަށް އެދިފައި ނުވާ ކަމަށެވެ.
"ހުރިހާ ދިވެހިންގެ ހާލަތު ވެސް ރަނގަޅު،" ސަފީރު ވިދާޅުވިއެވެ.
ލަންކާ އިގުތިސާދު ވަރަށް ހާލުގައި
ސްރީލަންކާ ބޭރުފައިސާއަށް ޖެހުނީ ކޮވިޑް-19 އާއެކު އެގައުމުގެ ފަތރުވެރިކަން އިނދަ ޖެހި ފަތުރުވެރިކަމުން ލިބެމުންދިޔަ ބޭރުފައިސާ މުޅިން ކަހަލަ ގޮތަކަށް ހުއްޓުމުގެ ސަބަބުންނެވެ. ސްރީލަންކާއަށް ބޭރު ފައިސާ ލިބޭ މައިގަނޑު ސިނާއަތަކީ ފަތުވެރިކަމެވެ. ބޭރު ފައިސާ ނުލިބުމުގެ ސަބަބުން ސްރީލަންކާގެ އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ އާއި ލޯންތައް ދެއްކުމަށް ބޭނުންވާ ފައިސާ ނަގަމުން ގެންދިޔައީ އެގައުމުގެ ދައުލަތުގެ ރިޒާވް އިންނެވެ.
ސްރީލަންކާގެ ގައުމީ ރިޒާވްގައި ހުރި 7.5 ބިލިއަން ޑޮލަރުގެ ތެރެއިން ފާއިތުވި ދެއަހަރު ތެރޭގައިވަނީ 5.9 ބިލިޔަން ޑޮލަރު ނަގާފައެވެ. މިހާރު އެގައުމުގެ ބޭރުފައިސާގެ ރިޒާވްގައި ހުރިކަމަށް މަރުކަޒީ ބޭންކުން ބުނަނީ އެންމެ 1.6 ބިލިއަން ޑޮލަރެވެ. ބޭރުފައިސާގެ ދަތިކަމުން ސްރީލަންކާ ވަނީ ލޯންދެއްކުމަށް ނުކުޅެދޭ ހިސާބަށް ގޮސްފައެވެ.
ކޮވިޑް-19 އާއެކު ފަތުރުވެރިކަން ހުއްޓުމާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ޗައިނާ އާއި އިންޑިއާއިންވެސް ސްރީލަންކާއަށް ކުޑަ އިންޓަރެސްޓެއްގައި ދިގުމުއްދަތަކުން އަދާކުރާގޮތަށް ބޮޑެތި ލޯންތަކެއް ދީފައިވެއެވެ. އަދި ޗައިނާއިން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކުރުމުގެ ފުރުސަތުވެސް ޗައިނާއިންވަނީ އެގައުމަށް ދީފައެވެ. ނަމަވެސް ލަންކާގައި ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް މިންވަރަށް އަދިވެސް އެ ސިނާއަތް ކުރި އަރާފައި ނުވާތީ ބޭރުފައިސާގެ ދަތިކަން ހައްލުކުރެވޭނެ މުއްދަތެއް ކަނޑައެޅުން ވަނީ ދަތިކަމަކަށް ވެފައެވެ.
ސްރީލަންކާގެ ބޭރުގެ ލޯންތަކުގެ އަދަދު 26 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މީގެތެރެއިން ގިނަ ލޯންތަކަކީ ޗައިނާއިންނާ އަދި އިންޑިއާއިން ނަގާފައިވާ ލޯންތަކެވެ. މި ލޯންތައް ނަގާފައިވަނީ ސްރީލަންކާ 26 އަހަރުވަންދެން ތަހައްމަލްކުރި ދާޚިލީ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށާއި ސްރީލަންކާގެ ބަލިކަށި އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ޒަމާނީ ކުރުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށެވެ.