04 Jan 2022, 11:15
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓަށް އާ ރެކޯޑެއް ހަދައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން އިއްޔެ ބުނެފައި ވަނީ، މަތިންދާ ބޯޓު އައުމާއި ދިއުމުގައި އާ ރިކޯޑެއް ހަދާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.
އެދުވަހު އެއާ ޓްރެފިކް މޫވްމަންޓްގެ ޖުމްލަ އަދަދަކީ 826 ކަމަށް އެއާޕޯޓްސް ކޮމްޕެނީއިން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ 593 ސީޕްލޭންއާއި ރަންވޭއަށް ޖެއްސި 233 މަތިންދާ ބޯޓެވެ.
މި ރެކޯޑް ގާއިމު ކުރެވުމާ ހަމައަށް، އެއާ ޓްރެފިކް މޫވްމަންޓް އެންމެ ގިނައީ މިދިޔަ އަހަރުގެ ޖެނުއަރީ ފަސްވަނަ ދުވަހުއެވެ.
އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑަކީ 811 އެވެ.
އޭގެ ކުރިން، 2020 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑެއް ވަނީ ގާއިމު ކޮށްފައެވެ. އެމަހުގެ 20 ވަނަ ދުވަހު އެއާޕޯޓުގައި 578 އެއާޓްރެފިކް މޫވްމަންޓް ރެކޯޑު ކުރެވުނެވެ.