ކޮވިޑް-19 ޖެހިގެން އައްޑޫއިން އިތުރު މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ރޭ ދަންވަރު 02:30ގައި އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި ފިިރިހެނެކެވެ.

މި މަރާއެކު އައްޑޫއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. އަދި ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 263 އަށް އަރާފައެވެ.

އެޗްޕީއޭއިން އިއްޔެ ހާމަކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 242 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،609 އެވެ.

މި ބަލީގައި މިހާރު ވެސް 12 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާ އިރު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 96،294 އަށް އަރައިފައެވެ. މީގެ ތެރެއިން 93،410 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.