ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިއަށް ގޮސް، އޭގެން ދަތުރުކުރި ތިން މީހުން ގެއްލިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ވ. ފުއްސަރު ކައިރިން ދޯންޏެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން ކޯސްޓްގާޑުން ވަނީ ހަރަކާތްތެރި ވާން ފަށައިފައި ކަމަށެވެ.

އެއީ ފ.ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެވެ.

ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން އަލަމާ-5 ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިން ހަރަކާތްތެރި ވާއިރު، އެ ދޯނިވެސް ފެނިފައެއް ނުވެއެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ދޯނީގައި ތިބީ ދިވެހި ކެޕްޓަންއަކާއި ދެ ބިދޭސީން ކަމަށެވެ. އެ ތިން މީހުންވެސް މިހާތަނަށް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ، އެދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.