ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ވޯލްވާހެމްޓަން ވޮންޑާސް (ވޯލްވްސް) އާއި ބައްދަލު ކުރި މެޗު ނިމުނީ 1-0 ގެ ނަތީޖާ އަކުން ވޯލްވްސް ކުރިހޯދައިގެންނެވެ.

މި މެޗުގައި ޕޮސެޝަން ހިފަހައްޓައިގެން ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. އެހެންނަމެވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވޯލްވްސް އިންނެވެ. ވޯލްވްސް އިން މެޗުގައި 19 ހަމަލާއެއް ވަނީ އުފައްދާފައެވެ. ޔުނައިޓެޑަށް މެޗުގައި އުފެއްދިފައިވަނީ ނުވަ ހަމަލާއެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ ގޯލެއް ނުޖެހިއެވެ. އެހެންނަމަވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތުކެއް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ވޯލްވްސް އިން ދިޔައީ ޔުނައިޓެޑްގެ ޑިފެންސަށް ބާރު ބޮޑު ކުރަމުންނެވެ. ޔުނައިޓެގެ ޑިފެންސް ފޫއަޅުވަމުން ދިޔަ ނަމަވެސް ވޯލްވްސް އަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވަފައެވެ.

ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި ވޯލްވްސްގެ ޖައޯ މޯޓީނިއޯ ވަނީ އެ ޓީމަށް މެޗުގެ ހަމަ އެކަނި ގޯލު ކާމިޔާބު ކޮށްދީފައެވެ. ޔުނައިޓެޑުގެ އޭރިއާތެރެއަށް ވޯލްވްސްގެ ޓްރޯރޭ ނަގައިދިން ހުރަސް ޔުނައިޓެޑްގެ ފިލް ޖޯންސް ޖައްސާލި ބޯޅަ ލިބިފައިވަނީ އެރިއާ ރޮގުމަތިގައި ހުރި މޯޓީނިއޯ އަށްށެވެ. މޯޓީނިއޯ ބޯޅަ ފޮނުވާލީ ސިދާ ގޯލުގެ ތިރީ ކަނަށްށެވެ.

މި ނަތީޖާއާ އެކު މެޗު ނިމުމުން ޔުނައިޓެޑް ވަނީ ތާވަލުގެ ހަތް ވަނައަށް ވެއްޓިފައެވެ. ޔުނައިޓެޑަށް އެ ޓީމު ކުޅުނު 19 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ވޯލްވެސް އެ އަދަދަށް މެޗު ކުޅެ އެ ޓީމަށް ލިބިަފއިވަނީ 28 ޕޮއިންޓެވެ. ވޯލްވްސް އޮތީ ޔުނައިޓެޑްގެ ފަހަތުން ތާވަލްގެ އަށް ވަނައިގައެވެ.

ވޯލްވްސް އަށް ލިބުނު މި މޮޅާއި އެކު މި މެޗު ވަނީ އެ ޓީމުގެ ތާރީހުގެ ތެރެއަށް ވަދެފައެވެ. މިއީ 1980 ގެ ފަހުން ޔުނައިޓެޑްގެ އަތުން ރަށުން ބޭރުގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

ޔުނައިޓެޑްގެ މި ފަހަކަށް އައިސް ހޯމް ގޭމް ތަކުގެ ނަތީޖާ ފެންނަނީ ވަރަށް ދަށްކޮށްށެވެ. އެ ޓީމު އެންމެ ފަހުން ހޯމްގައި ކުޅުނު 4 މެޗުގައި ވެސް އެ ޓީމަށް ގޯލެއް ނުޖެހެއެވެ.