މެންޗެސްޓާ ސިޓީގެ މުޅި ދުނިޔެއަށް މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާގެ ފަރާތުން އަގުހުރި ފިލާވަޅުތަކެއް ދަސްވި ކަމަށް ދާދި ފަހުން ސްޕެއިންގެ ގަދަބާރު ބާސެލޯނާއަށް ބަދަލުވި ޒުވާން ފެރާން ޓޮރެސް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ މޮޅު ފޯވާޑު ބާސެލޯނާއަށް ސޮއިކުރީ ހަތް އަހަރު ދުވަހު އެޓީމަށް ކުޅުމަށް އެއްބަސްވުމަށްފަހުއެވެ. އޭނާ އެންމެ ފަހުން ސިޓީއަށް ކުޅުނު އިރު އެޓީމަށް ވަނީ 43 މެޗެއް ކުޅެދީ 16 ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ގޯލު ޖެހުމަށް ހަތަރު ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ޓޮރެސް ލަލީގާގެ ކުލަބެއް ކަަމަށްވާ ވެލެންސިއާއަށް ވެސް ކުޅެފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ ގާޑިއޯލާއާއެކު ސިޓީގައި 18 މަސް ދުވަސް ހޭދަކޮށްފައެވެ.

މިއަހަރުގެ ޔޫރޯގައި ތަފާތު ކުޅުމެއް ދެއްކި ޓޮރެސް ބުނެފައިވަނީ ގާޑިއޯލާގެ ފަރާތުން އަގުހުރި ފިލާވަޅުތަކެއް ދަސްވިކަމަށާއި ގާޑިއޯލާއަކީ އަދި މިހާތަނަށް އޭނާއަށް ފުޓުބޯޅައިގެ މައިދާނުގައި އެންމެ އެހީވި އަދި މަގުދައްކައިދިން ތަޖުރިބާކާރު ކޯޗެއް ކަމަށެވެ.

"ގާޑިއޯލާ އަކީ މުޅި ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކޯޗު. އަހަރެންނަށް ވަރަށް އަގުހުރި އަދި މުހިއްމު ފިލާވަޅުތަކެއް އޭނާ އުނގަންނައިދިން. މިހާ ހިސާބަށް އާދެވިފައި ވެސް މިހުރީ އޭނާގެ އެހީތެރިކަމާއެކީގައި. ގާޑިއޯލާ އަހަރެން ލައްވާ ތަފާތު ޕޮޒިޝަންތަކަށް ކުޅުވި. އަހަރެންނަށް ފޯވާޑެއްގެ ގޮތުގައި ކުޅުމަށް ދަސްކޮށްދިނީ އޭނާ. ސިޓީ އަހަރެން ދޫކޮށްލި ނަމަވެސް ވަރަށް ގިނަ ހަނދާންތައް އާވޭ. އެ ކުލަބުން ވެސް އަހުލާގީ ރީތި ސިފަތަކެއް އަށަގަތުމަށް އެހީވެދިން،" ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޓޮރެސް ބުންޏެވެ.

ޓޮރެސް ބުނީ އޭނާ ސިޓީއާ ގުޅުނީ ވެސް ސްޕެއިންގެ ޓީމަކަށް ކުޅުމަށް ތައްޔާރުވެ އެނބުރި އައުމަށް ކަމަށެވެ. އަދި ބާސާ ކަހަލަ ބޮޑު ޓީމަކަށް ކުޅުމަކީ އޭނާ ކުޑަ އިރުންސުރެ ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.

ޓޮރެސްގެ ޓްރާންސްފާއާ ގުޅިގެން ގާޑިއޯލާ ބުނެފައިވަނީ ބާސާ އަކީ އޭނާ ކުރިން ހަވާލުވެ ހުރި ކުލަބަކަށްވާއިރު އެ ކްލަބަށް ދިއުމަށް ހުށަހެޅުމުން އެކަމާ ދެކޮޅަށް ނިކުންނަން އުނދަގޫވާ ކަމަށެވެ.

"ޓޮރެސް ސިޓީގައި ހުންނަން ބޭނުންނުވާނަމަ އަދި ސިޓީގައި ހުންނަ އިރު އުފާ ނުވާ ނަމަ އެންމެ ރަނގަޅުގޮތަކީ ޓޮރެސް އުފާވާ ކުލަބަކަށް ދިއުން. ކުލަބު ދޫކޮށް ދާން ބޭނުންވާއިރު އަހަރެން އެއްވެސް ކަމަކަށް ހުރަސް އަޅާކަށް ނެތިން. އަހަރެން ޓޮރެސްއަށްޓަކާ އުފާކުރާނަން، " ގާޑިއޯލާ ބުންޏެވެ.

މަޝްހޫރު ކޯޗް ގާޑިއޯލާ ބުނެފައިވަނީ އެކުޅުންތެރިއެއް ބޭނުންވެއްޖެ ހިނދެއްގައި ކުލަބު ދޫކޮށް ދެވޭނެ ކަމަށާއި އެއްވެސް މީހެއްގެ އުފަލަކަށް ހުރަސް އަޅަން ބޭނުން ނުވާ ކަމަށެވެ.

"އަހަރެން އަބަދުވެސް ހިތަށްއަރާ ރިއަލް މެޑްރިޑް އަދި ބާސެލޯނާ އިން ކުޅުންތެރިއަކު ބޭނުންވެއްޖެ ހާލަތުގައި ނޫނެކޭ ބުނަން އުނދަގޫ ވާނޭ. އެއީ ދުނިޔޭގެ އެންމެ ބާރުގަދަ ދެ ކުލަބު،" ގާޑިއޯލާ ބުންޏެވެ.