އެމެރިކާގައި 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް-19 އާ ދެކޮޅަށް ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހުމުގެ ހުއްދަ އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ދީފިއެވެ.

އެމެރިކާގެ އެފްޑީއޭއިން، 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ދެވޭނެ ކަމަށް ބުނި ނަމަވެސް އެ ހުއްދައިގައި އެހެން ކުންފުންޏެއްގެ ވެކްސިނެއް ހިމެނޭކަން ފާހަގަކޮށްފައި ނުވެއެވެ.

ހަމައެއާއެކު އެފްޑީއޭއިން ވަނީ ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި ކުދިންނަށްވެސް ބޫސްޓާ ޑޯޒް ދިނުމުގެ ހުއްދަ ދީފައެވެ.

މީގެ ކުރިން އެމެރިކާގެ ކޮވިޑް ވެކްސިން ޖެހުމުގެ ގަވާއިދުގައި އޮތް ގޮތުން، ފައިޒާގެ ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ޑޯޒް ދެވޭނީ ދެވަނަ ޑޯޒް ޖަހާތާ ހަ މަސްދުވަސް ފަހުންނެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ ފަސް މަހަށް ބަދަލުކޮށްފައެވެ.

އެމެރިކާއިން ކޮވިޑް ވެކްސިން ގަވާއިދުތަކަށް އެ ބަދަލު ގެނައީ، އޮމިކްރޯން ވޭރިއެންޓްގެ ސަބަބުން އެގައުމުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގައި، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ކޮވިޑްގެ އާ ކޭސްތަކުގެ އަދަދު ދެގުނައަށް އިތުރުވެފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ. އެގޮތުން މިހާރު އެވަރެޖުކޮށް ދުވާލަކަށް 418،000 ކޭސް ފެންނަމުންދާ ކަމަށް އެ ނޫހުގައިވެއެވެ.

އެމެރިކާގެ އާބާދީގެ 62 ޕަސެންޓު މީހުން މިހާރު ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 30 ޕަސެންޓު މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.