ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ދަތުރުފުޅުގައި ނ. އަތޮޅުގެ ބައެއް ރަށްރަށައް މާދަމާ ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި ވަނީ ނ. މާފަރު، ލަންދޫ އަދި މަގޫދޫގެ އިތުރުން މަނަދޫ އާއި ހޮޅުދޫއަށެވެ.

މި ދަތުރުފުޅުގައި ރައީސް، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްގޮސްފައިވާ މިންވަރު ބައްލަވައިލައްވާ ރައްޔިތުންގެ އިތުރުން ކައުސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

މިގޮތުން މާފަރަށް ވަޑައިގެން އެ ރަށުގެ ފެނާއި ނަރުދަމާގެ ސައިޓް ބައްލަވައިލެއްވުމުގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ.

ލަންދޫއަށް ވަޑައިގެން އެ ރަށުގައި މި ސަރުކާރުން ބިނާކުރި މިސްކިތާއި ބަނދަރު ހުޅުވައިދެއްވާނެއެވެ. އަދި ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

ރައީސް މަނަދޫއަށް ވަޑައިގެން ނ. އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައިލައްވާނެއެވެ. އަދި އެ އަތޮޅު ކައުންސިލާއި އެ ރަށު ކައުންސިލްގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

މަގޫދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެ އެމަނިކުފާނު ހުޅުއްވައިދެއްވާނެއެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ. އެ ރަށުގެ ސިއްހީ ހާލަތު ރައީސް އެ ރަށަށް ވަޑައިގެން ބައްލަވާނެއެވެ. އަހަމައެހެންމެ އެރަށު ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ހޮޅުދުއަށް ވަޑައިގެން އެރަށުގައި މި ސަރުކާރުން ގާއިމްކުރި ފުޓުބޯޅަ ދަނޑު އެމަނިކުފާނު ހުޅުއްވައިދެއްވާނެއެވެ. އަދި ހޮޅުދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެރަށު ރައްޔިތުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހދ، ށ، ރ، އއ އަދި ތ އަތޮޅަށް ރައީސް ވަނީ މިދިޔަ އަހަރު ވަޑައިގެންފައެވެ.