ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަން ދެމެހެއްޓެވުމަށް ޓަކައި ދައުލަތުގެ ފަރާތުން އަޅުއްވަން ޖެހޭ ފިޔަވަޅު އެޅުއްވުމުގައި، ކުޑަކޮށް ވެސް ފަހަތަކަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ށ. އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފީވަކަށް ވަޑައިގެން މިއަދު މެންދުރު ފަހު އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހަމަ އެއްވެސް މީހަކު ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ހިފައި ހައްޔަރެއް ނުކުރައްވާނެ ކަމަށާއި ސަރުކާރުން ކުރާ ކަންކަމާ އެއްބަސްނުވާ މީހުން ހައްޔަރުނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ދަމަހައްޓައި، ގާނޫނާއި ގަވާއިދުގެ ތެރެއިން މަސައްކަތް ކުރުމަށް"، ރައީސް ވިދާޅުވި އެވެ.

ރައީސް ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންނާ އެކުގައި، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށް ދިނުމަށް ޓަކައި ކަމުގައި ވިދާޅުވި އެވެ. އަދި، އެ ރަށު ރައްޔިތުން ތަރައްގީއަށް ޓަކައި އެދޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވަމުން، މިއަހަރު އެ ރަށުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ފެށޭތޯ ބައްލަވާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޯފެނާއި ނަރުދަމާގެ ނިޒާމަކީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ބޭނުންވެފައިވާ ނިޒާމެއް ކަމަށާއި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މި ނިޒާމް ގާއިމު ކުރެއްވުމަށް ޓަކައި ސަރުކާރުގެ ބަޖެޓާއި އަދި ބޭރުގެ އެހީއާ އެކީގައި މިކަންކަން ކުރެއްވޭނެ ގޮތެއް އިރާދަކުރެއްވިއްޔާ މިއަހަރު ހޯއްދަވާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ފީވަކަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ދެއްވި ހޫނު މަރުޙަބާއަށް ޓަކައި ރަށުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާ އެކު ޝުކުރު އަދާކުރެއްވި އެވެ.