މިދިޔަ އަހަރު އެޓާނީ ޖެނަރަލް އޮފީހުން 900އަށްވުރެ، ގިނަ މައްސަލައަކަށް ގާނޫނީ ލަފާ ދީފައިވާކަމަށް އެ އޮފީހުން ބުނެފިއެވެ.

އޭޖީން އޮފީހުން މިއަދު އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ލަފާ ބޭނުންވެގެން ފޮނުވާފައިވާ 960 މައްސަލައެއްގެ ތެރެއިން 921 މައްސަލައަކަށް ގާނޫނީ ލަފާ ދީފައިވެއެވެ.

މީގެ އިތުރުން 2020ވަނަ އަހަރުގެ ނިޔަލަށް ގާނޫނީ ލަފާ ނުދެވިހުރި ކަންކަމާއި އޭޖީ އޮފީހުގެ އިސްނެގުމަށް އެކުލަވާލައި ފޮނުވި ގަވާއިދެއް ހިމެނޭގޮތުން، މުޅި ޖުމްލަ 983 މައްސަލައަކަށް ފާއިތުވި އަހަރު ގާނޫނީ ލަފާ ދީފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭޖީ އޮފީހުން 2021 ވަނަ އަހަރު ދިން ލަފާގެ ތަފާސްހިސާބު:

  • ބިލު ތަސްދީގު ކުރުމާ ގުޅޭ ގޮތުން ދިން ލަފާ 33
  • އެއްބަސްވުންތަކުގައި ސޮއި ކުރުމާ ގުޅޭގޮތުން ދިން ލަފާ 278
  • ގަވާއިދުތަކާ ގުޅޭގޮތުން ދިން ލަފާ 180
  • އުސޫލުތަކާ ގުޅޭގޮތުން ދިން ލަފާ 34
  • މުއާހަދާތަކާ ގުޅޭގޮތުން ދިން ލަފާ، 5
  • އެހެނިހެން ކަންކަމާ ގުޅޭގޮތުން ދިން ލަފާ 453

އޭޖީ އޮފީހުން 2021 ވަނަ އަހަރު ދިން ގާނޫނީ ލަފާގެ ތަފާސް ހިސާބު --

ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވެ ދިޔަ އަހަރު އޭޖީ އޮފީހުން އެންމެ ގިނައިން ގާނޫނީ ލަފާ ދިން އިދާރާއަކީ ފިނޭންސް މިނިސްޓްރީއެވެ. އެ މިނިސްޓްރީއަށް ޖުމުލަ 231 ކަމަކާ ގުޅޭގޮތުން ވަނީ ލަފާ ދީފައިވެއެވެ.

ފިނޭސް މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީން އެދުނު 65 ގާނޫނީ ލަފާ ދީފައިވާއިރު، ފޮރިން މިނިސްޓްރީން އެދުނު 104 ލަފައެއް ދީފައިވެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން އެދުނު 69 ލަފާ, އަދި ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އެދުނު 73 ކަމަކާ ގުޅޭ ގޮތުން ގާނޫނީ ލަފާ ދީފައިވެއެވެ.

2021 ވަނަ އަހަރު އެންމެ ގިނައިން ލަފާ ދިން އިދާރާތައް --