ޗެލްސީގެ ކޯޗް ތޯމަސް ޓުޗޭލް އާއި އެ ޓީމުގެ އިތުބާރު ފޯވާޑުގެ ކޯޅުން ބޮޑުވެ ރޮމެލޫ ލުކާކޫއަަށް ޗެލްސީގެ މުސްތަގުބަލު ބަނަވެއްޖެއެވެ.

އިނގިރޭސި މީޑިއާތަކުން ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ލުކާކޫ ޗެލްސީ ދޫކޮށްލާނެ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ އަހަރު އިންޓަމިލާނުން ޗެލްސީއަށް އަލުން ސޮއިކުރި ލުކާކޫ ވަނީ އޭނާ އެނބުރި އިންޓަމިލާނަށް ދާންބޭނުންވާކަމަށް ބުނަފައެވެ. ޗެލްސީގައި ޓުޗެލް ގެންގުޅޭ ޕްލޭނަށް އޭނާ ހޭނެން އުދަނގޫ ކަމަށާއި އިންޓަމިލާން ދޫކޮށްލެވުމަކީ ހެދުނު ގޯހެއްކަމަށް ވެސް އެނާ ބުންޏެވެ.

"ފިޒިކަލީ އަހަރެން އަދި ރަނގަޅު. އެކަމަކު މިހާރު ޗެލްސީގެ ހަލަތާ މެދު ދެރަވޭ. ޓުޗެލް ބޭނުންވަނީ އެހެން ސިސްޓަމަކަށް ކުޅުވަން. އެކަމަކު އަހަރެން ބަލި ގަބޫލެއް ނުކުރާނަން." ލުކާކޫ ސްކައި ސްޕޯޓްސްއަށްދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އިންޓަމިލާން އެ ގޮތަށް ދޫކޮށްލެވުމުން ދެރަވާކަމަށް ވެސް އެނާ ބުނެފައިވެއެވެ.

"އަހަރެން ގަބޫލުކުރަނީ މިދިޔަ ޓްރާންސްފާ މާކެޓުގައި ހިނގި ކަމަކީ އަސްލު ހިނގައިގެން ވާނެ ކަމެއް ނޫން. އިންޓަ ދޫކޮށްލާ އެގޮތަށް ދޫކޮށްލެވިގެން ނުވާނެ. އަހަރެން އިންޓަ ސަޕޯޓަރުންނާއި މުހާތަބު ކުރެވުނު ގޮތުން މިއަދު ދެރަވޭ," ލުކާކޫ ބުންޏެވެ.

ލުކާކޫގެ މި ވާހަކަތަކުން ޗެލްސީގެ ކޯޗު ވަނީ އެނައާ މެދު ހިންހަމަ ނުޖެހޭކަން ފާހަގަކޮށްފައެވެ. އިއްޔެ ލިވަޕޫލާ ދެކޮޅަށް އިނގިރޭސި ޕްރިމިއާލީގުގައި ކުޅުނު މެޗުގެ ސްކޮޑުންވެސް ވަނީ އޭނާ ބޭރުކޮށްފައެވެ.

މިކަމާ ގުޅިގެން މި ޓްރާންސްފާ މާކެޓުގައި އޭނާ ޗެލްސީ ދޫކޮށްލާނެ ކަމަށް ވަނީ ބެލެވިފައެވެ.

ލުކާކޫގެ މައްސަލައާ ގުޅިގެން ޓުޗެލް އޭނާއާ މިއަދު ބައްދަލު ކުރަން ވަނީ ހަމަޖެހިފައެވެ.

"ކޮންމެ ގޮތެއްވިޔަސް އެއީ އަހަރުމެންގެ ކުޅުންތެރިއެއް. މިކަމުން އަރައިގަނެވޭނެ ގޮތެއް އޮންނަންވާނެ. އަހަރުމެން މިކަމުގައި ގޮތެއް ނިންމާނަން. ގޮތެއް ނިންމީމަ ލުކާކޫއަށް ވެސް، މީޑިއާތަކަށް ވެސް އެނގޭނެ،" ޓުޗެލް ބުންޏެވެ.

ލުކާކޫ އަކީ ފުރަތަމަ 2011 ވަނަ އަހަރު ޗެލްސީއަށް ގެނައި ކުޅުންތެރިއެކެެވެ. އޭނާ ޗެލްސީ ދޫކޮށްލީ 2014 ވަނަ އަހަރުއެވެ. އޭރު 10 މެޗު ޗެލްސީ ޖާޒީގައި އޭނާ ކުޅުނު އިރު ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

އެނާ ޗެލްސީ ދޯކޮށްލާފައި ބަދަލުވީ އެވަޓަން އަށެވެ. އެވަޓަންގައި ތިން އަހަރު ހޭދަކުރުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އިރު އެވަޓަންއަށް 110 މެޗު ކުޅެދީ 53 ގޯލު ވަނީ ކާމިޔާބު ކޮށްދީފައެވެ. އަދި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ދެ ސީޒަނުގައި ވަނީ 47 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ލުކާކޫ އެނބުރާ ޗެލްސީއަށް ގެންނަން މަސައްކަތް ފެށީ މިދިޔަ 2020 ވަނަ އަހަރު އިންޓާއަށް ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އިންޓާއަށް އޭނާ ކުޅުނު 72 މެޗުން 47 ގޯލު ވަނީ ކާމިޔާބު ކޮށްދީފައެވެ.

ޗެލްސީއަަށް މިދިޔަ އަހަރު ބަދަލުވެ އޭނާ ކުޅުން ފަށާފައިވަނީ އުންމީދީ ފެށުމަކުންނެވެ. އެނާ ވަނީ މިހާތަނަށް ޗެލްސީއަށް ފަސް ގޯލު ކާމިޔަބު ކޮށްދީފައެވެ.