03 Jan 2022, 16:25
އެމްސްޓާޑަމް (3 ޖަނަވަރީ 2022): ކޮވިޑުން ރައްކާތެރިވުމަށް ނެދަލޭންޑްސްގައި ތަންފީޒު ކުރަމުންގެންދާ ފުރަބަންދުގެ ފިޔަވަޅުތަކާ ދެކޮޅަށް އެގައުމުގެ އެތައް ހާސްބަޔަކު ތެދުވެ އެކަމަށް ގޮންޖަހައި މުޒާހަރާކޮށްފިއެވެ.
މިމުޒާހަރާތައް ކުރިޔަށްދިޔަ ސިޓީތަކުގެ ތެރޭގައި ނެދަލޭންޑްގެ އެމްސްޓާޑަމް އާއި އެނޫން ބައެއް ސިޓީތައް ހިމެނެއެވެ. މިތަންތަނުގައި އެތައް ހާސްބަޔަކު އެއްވެ ގައިގޯޅިގޮތެއްގައި މުޒާހަރާކޮށްފައި މިވަނީ ފުރަބަންދުގެ ފިޔަވަޅުތަކާ މުޅިން ޚިލާފަށެވެ. މާސްކްވެސް ނާޅައި އަދި ގައިދުރުކަންވެސް ނެތިއެވެ.
މިއާއެކު ނެދަލޭންޑްގެ ފުލުހުންވަނީ މުޒާހަރާކުރި މީހުންނަށް ލަޓިބުރިންނާއި މުގުރުން ހަމަލާދީ މުޒާހަރާތައް ރޫޅާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ އެމީހުންގެ ކެތްތެރިކަން ކޮޅުންލާފައިވާ ކަމަށް ބުނެ ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުންތައް ހިންގާފައެވެ.
ނެދަލޭންޑްގައި ކޮވިޑްގެ ކޭސްތައް ގިނަވީ އެގައުމުން އޮމިކްރޯން ވޭރިއަންޓް ފެނުމަށްފަހުއެވެ. އޮމިކްރޯން އާއެކު ނެދަލޭންޑްގެ ކޮވިޑް ކޭސްތައް ހާހުން މައްޗަށް އަރައިގެން ދިޔައެވެ. މިއާއެކު ކޮވިޑުން ރައްކާތެރިވުމަށް ޓަކައި މިދިޔަ ޑިސެމްބަރު 19 ވަނަދުވަހު ނެދަލޭންޑްގެ ސަރުކާރުން އެގައުމުގައި ފުރަބަންދުގެ ފިޔަވަޅުތައް އިއުލާންކުރިއެވެ.

ނެދަލޭންޑްސްގެ ފުލުހުންނާއި އާންމުން ކުރިމަތިލަނީ
މިފިޔަވަޅުތަކާއެކު، ބޭރަށް ނުކުމެއުޅުން އާންމުންނަށްވަނީ މަނާކޮށްފައެވެ. ނަމަވެސް ހުއްދަ ހޯދައިގެން ފިހާރަތަކަށް ގޮސް ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ތަކެތި ގަތުމުގެ ފުރުސަތު އޮވެއެވެ. ކާބޯތަކެތި ވިއްކާ ފިހާރަތައް ހުޅުވާފައި ހުއްޓަސް ކެފޭ ރެސްޓޮރަންޓްތަކާއި ޖިމްތަކާއި ކުޅިވަރުކުޅޭ ތަންތަނާއި ސްކޫލްތައްވަނީ ބަންދުކޮށްފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް ނެދަލޭންޑްސް ގެ ސަރުކާރުންއެޅި ހަރުކަށި މިފިޔަވަޅުތަކަށް އެގައުމުގެ އާންމުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އާންމުން ގެންދަނީ އެކަމާދެކޮޅަށް ނުކިޔަމަންތެރިކަން ދައްކައި މަދަނީ ބަސްނޭހުމުގެ އަމަލުތައްވެސް ހިންގަމުންނެވެ. ނެދަލޭންޑްސް ގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް މި ޖަނަވަރީ މަހުގެ 14 އާ ހަމައަށް ދެމިއޮންނާނެއެވެ.
ނެދަލޭންޑްސްގެ އިތުރުން ޔޫރަޕްގެ ބައެއް އެހެންގައުމުތަކުގެ ސަރުކާރުތަކުންވެސްވަނީ ކޮވިޑާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް އެފިޔަވަޅުތައް ނޭޅުމަށް ގޮވާލައި ޔޫރަޕްގެ އެތައް ގައުމެއްގައި އާންމުން ގެންދަނީ ސިލްސިލާ ގޮތެއްގައި މުޒާހަރާތައް ކުރަމުންނެވެ.
ޔޫރަޕްގައި އޮމިކްރޯންގެ ވަކި ވަރަށް ބޮޑަށް ހިއްޕާލާފައިވާއިރު ޔޫރަޕްގެ ބައެއް ގައުމުތަކުގައި ދުވާލެއްގެ މައްޗަށް ލައްކައަކަށްވުރެ ގިނައިން ކޮވިޑަށް ޕޮޒިޓިވް ވަމުންދެއެވެ. އަނެއްކޮޅުން ކޮވިޑް ވެކްސިން ޖެހުމަށްވެސް ޔޫރަޕްގެ އެތައް ގައުމެއްގައި އާންމުންގެ އެތައް ބަޔަކު ގެންދަނީ ދެކޮޅު ހަދަމުންނެވެ.