08 Mar 2012, 16:12
އޭއެފްސީ ކަޕްގައި ރާއްޖޭގެ ވީބީ އައްޑޫ އެފްސީ އިއްޔެ ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ. މެޗުން ވީބީ ބަލިވީ ލެބަނަންގެ އަލް އަހަދު އާ އެކު ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުން 5-3 ލަނޑުންނެވެ.
ވީބީގެ މުހިއްމު ކުޅުންތެރިންތަކެއް ނެތި ކުޅުނު އެ މެޗުގައި ވީބީ އަށް ހޮލެންޑުގެ ސެންގިޒް ހުސެއިން ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު ތިން ވަނަ ލަނޑަކީ އަސަދުގެ އެލެކްސްއެންޑްރިއު ޓަޓެއޯސިއަން އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.
އަލް އަހަދަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މެޗުގެ 29 ވަނަ މިނެޓުގައި ވީބީގެ ތިން ޑިފެންޑަރުން ކައިރިން ކޮށްޓުމަށް ފަހު ޕެނަލްޓީ އޭރިއާގެ ބޭރުން ޗައިތޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ހަސަން ޗައިތޯގެ ލަނޑަށް ފަހު އަސަދަށް ލީޑު ފުޅާ ކޮށްދިނީ އޭގެ ތިން މިނެޓު ފަހުން ވީބީގެ ޑިފެންސް ލައިނަށް ހެދުނު ގޯހުގެ ފައިދާ ނަގައިގެން އައިވަރީ ކޯސްޓްގެ ސްޓްރައިކާ މުސްތޮފާ އެވެ.
އޭގެ ފަހުން އަސަދަށް ވަނީ ވީބީގެ ގޯލްކީޕަރު ޒީއަޒަން ކުރި ފައުލަކާ އެކު ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް އެ ޕެނަލްޓީގެ ވަނީ ޒީއަޒަން ދިފާއު ކޮށްފަ އެވެ. އަސަދަށް މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެޗު ނިމެން 31 މިނެޓުގައި އަތުވީ އަރިމަތިން ނަގައިދިން ހުރަހަކުން ޑަކިކް އެވެ.
ދެވަނަ ހާފް ފެށިގެން ކުޑަ ވަގުތު ކޮޅެއް ނުވަނީސް ވީބީން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް، ކުޅުމުގެ ތެރެއަށް ވަދެފަ އެވެ. ވީބީގެ ފުރަތަމަ ލަނޑު ހޮލެންޑުގެ މިޑްފިލްޑަރު ސެންގިޒް ހުސެއިންގެ ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދިން އިރު މެޗު ނިމެން 25 މިނެޓަށް ވެފައި ވަނިކޮށް ވީބީން ވަނީ އަސަދުގެ ތިން ޑިފެންޑަރުން ކައިރިން ނައްޓާ ގޯލެއް ކާމިޔާބުކޮށް އަސަދާ އެކު އޮތް ލީޑް ކުޑަ ކޮށްފަ އެވެ. އެ ލަނޑުވެސް ޖަހައިދިނީ ސެންގިޒް ހުސެއިނެވެ.
މެޗުގެ 77 ވަނަ މިނެޓުގައި އަސަދުން ވަނީ އެ މީހުންގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. އެ ލަނޑު ކާމިޔާބު ކޮށްދިނީ އަތްވީ އެވެ. އޭގެ ފަހުން އަސަދުގެ ޒުރެއިކް ވަނީ އެމީހުންގެ ފަސް ވަނަ ލަނޑު މެޗުނިމެން ނުވަ މިނެޓުގައި ކާމިޔާބު ކޮށްފަ އެވެ.
ވީބީ އަށް ލިބުނު ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ވެފައި ވަނީ މެޗުގެ އިތުރު ވަގުތުގައި އަސަދުގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވައިން ގޯލަކުން ނެވެ.
މެޗުން އަސަދު މޮޅިވިކަމުގައި ވީނަމަވެސް އަސަދަށް ވަނީ ގްރޫޕް ސީގެ އެއް ވަނަ މަގާމު ލިބޭގޮތް ނުވެފަ އެވެ. އަސަދަށް ގުރޫޕްގެ އެއް ވަނަ ނުލިބުނީ ގްރޫޕް ސީގައި އިއްޔެ ކުޅުނު އަނެއް މެޗު ކުވައިތުގެ އަލް ކުވެއިތާ ވާދަކޮށް ސައުދީ އަރަބިޔާގެ އަލް އިއްތިފާގް 5- 1 ކާމިޔާބު ކުރުމުންނެވެ.
އެ ގްރޫޕުގެ އެއް ވަނައިގައި ތިން ޕޮއިންޓާއި ލަނޑުގެ ތަފާތުން އޮތީ އިއްތިފާގެވެ. ދެ ވަނައިގައި އޮތީ އަހަދެވެ. ވީބީ އާއި ކުވައިތަށް ޕޮއިންޓެއް ނުލިބެ އެވެ. މުބާރާތުގައި ރާއްޖެ ދެން ކުޅޭނީ މި މަހުގެ 21 ވަނަ ދުވަހު ކުވެއިތާ ދެކޮޅަށެވެ. އެމެޗް އޮންނާނީ މާލޭގަ އެވެ.