މާލެ ސަރަހައްދުގައި އެއްފަސްކުރުން ކުރިއަށް ނުގެންދެވޭ މިންވަރަށް އަދި މާލެ ނުފުރޭކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޗެނަލް 13 އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ސިޔާސީ މީހުންނަކީ އަމިއްލަ އެދުން ބޮޑު ބައެއް ކަމަށާއި އެ މީހެއްގެ ވެރިކަމުގައި ފަށާ ކަންކަން ނިންމަން ވެސް ބޭނުންވަނީ އެ މީހާ އަމިއްލައަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ފަސް އަހަރުތެރޭގައި ކުރި ކަންތައްތަކުގެ ރިބަން ކަނޑާތަން އަދިވެސް މި ފެންނަނީ، އެހެންވީމަ އެއީކީ އޭގެ ޒާތުގަ ސިޔާސީ ލީޑަރުން އެހާ ބޮޑަށް އެދޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

މިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި މީހުން އެއްފަސް ކުރެވިދާނެތޯ ބަލަން ފައިސާ ހަރަދު ނުކުރައްވާނެ ކަމަށާއި އަދިވެސް އެ ސިޔާސަތުގެ ކުރިއަށް ގެންދެވެން އޮތީ މާލެ ސަރަހައްދުގައި ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ހަބަކަށް ވާނީ މާލެ ސަރަހައްދޭ، ކުޅުދުއްފުށި، ތިނަދޫ، އައްޑު އަތޮޅު ހިތަދޫ ދެން ހަމަ ވަރަށް ނަންނަން ކީދާނެ، އެކަމަކު އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ކަމަށް ވަންޏާ ދައުލަތުގެ ފައިސާއެއް ބޭންކެއް ނުކުރާނަން އެ ތަންތަން އެއްފަސް ކުރަން ކުރާ މަސައްކަތް ކާމިޔާބު ކުރެވިދާނެތޯ ބަލާކަށް،" ޔާމީން ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އެއްފަސްކުރެވޭނެ ކަން މިހާރު ދައްކައިފައިވާނެ ކަން ފާހަގަކޮށް ޔާމީން އިތުރަށް ވިދާޅުވީ އެއްފަސްކުރުން ހަމަ އޮންނާނީ މާލެ ސަރަހައްދުގައި ކަމަށެވެ.

"އެހެންވީމަ އެއްފަސްކުރުން މިކޮޅުގައި އޮންނާނީ. މިކޮޅުގަ އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަކަށް އަދި ފުރިގެންނެއް މާލެ ސަރަހައްދު ދާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް މި ބަލަނީ މާލެ އާއި މާލެ ސަރަހައްދު،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ ރާއްޖޭގެ އެހެން ރަށްރަށުގައި މާލެ ސަރަހައްދުގައި ގާއިމްވެފައިވާ ވަސީލަތްތައް ގާއިމްވެފައި ނެތް ކަމަށާއި އެ ތަންތަނުގައި އެ ވަސީލަތްތައް ގާއިމް ކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަށެވެ.