މިސްރުގައި ކިޔަވަމުން ދިޔަ ދިވެހި ޒުވާނަކު ރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ މިންހާޖު އީސާ ކިޔާ 19 އަހަރުގެ ފިރިހެނެކެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ، މިސްރުގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓުގެ ފާހާނާ ތެރޭގައި ކަމަށް އޭނާގެ އާއިލާއާ ގާތް ފަރާތަކުން ބުންޏެވެ.

އޭނާ ރޭ ފުޓްބޯޅަ ކުޅެން ދިޔުމަށް ފަހު ގެޔަށް ގޮސް، ފެންވަރަން ވަދެ، ހަބަރެއް ނުވުމުން އެ އެޕާޓްމެންޓުގައި ދިރިއުޅޭ އެހެން މީހުން ފާހާނާގެ ދޮރު ހަލާކުކޮށްގެން ވަނުމުން، މިންހާޖު މަރުވެފައި އޮއްވާ ފެނުނު ކަމަށް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

މިންހާޖު އަކީ މީގެ ކުރިން އަރަބިއްޔާ ސްކޫލުން ތައުލީމު ހާސިލު ކޮށްފައިވާ ދަރިވަރެކެވެ.