08 Mar 2012, 15:02
މިއަހަރުގެ ފުރަތަމަ ދެމަސް ދުވަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެ މުއްދަތުގެ ތެރޭގައި ޑޮލަރުން ލިބުނު އާމްދަނީވެސް 47 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފަ އެވެ.
މީރާއިން މިދިޔަ އަންގާރަދުވަހު އާއްމުކޮށްފައިވާ އެ އޮތޯރިޓީގެ ފެބްރުއަރީ މަހުގެ ރެވެނިއު ރިޕޯޓުން ދައްކާ ގޮތުންނަމަ ފާއިތުވި ދެމަސް ދުވަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ ފުރަތަމަ ދެމަސްދުވަހަށް ވުރެ 154 ޕަސެންޓް އިތުރު އަދަދެކެވެ. ފާއިތުވި އަހަރު ފެބްރުއަރީ މަހާ ހަމަޔަށް މީރާއަށް ލިބިފައިވަނީ 540 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު މީރާއަށް ލިބިފައިވަނީ 653.1 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ އަދަދަކީ މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އާމްދަނީ އަށްވުރެ 70 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ޖެނުއަރީ މަހު މީރާއަށް ލިބިފައިވަނީ 694.1 މިލިއަން ރުފިޔާ އެވެ.
ފާއިތުވި ދެ މަސްދުވަހުގައިވެސް މީރާ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ވިޔަފާރިއާއި ހިދުމަތްތަކުން ނަގާ ޓެކްސް (ޖީއެސްޓީ)އިންނެވެ. ޖީއެސްޓީގެ ގޮތުގައި ފާއިތުވި ދެމަސްދުވަހު 462 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ. ފެބްރުއަރީ މަހު އެކަނިވެސް ޖީއެސްޓީގެ ގޮތުގައި މީރާއަށް 296 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.