ހުޅުމާލޭގައި އުމުރުން 21 އަހަރުގެ އަންހެނަކަށް ގެވެށި އަނިޔާ ކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެ މުއައްސަސާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ ޖެންޑާ މިނިސްޓްރީއާ ފުލުހުން ގުޅިގެން އެ މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނެފައިވަނީ ނިމި ދިޔަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ގެވެށި އަނިޔާގެ ޖުމުލަ 257 މައްސަލައެއް އެ މުއައްސަސާއަށް ހުށަހަޅާފައިވާ ކަމަށެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި ނިމިިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއަރޓާގައި ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރެވުނު އަދަދު ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފައެވެ.