02 Jan 2022, 21:09
ސްޕެނިޝް ލީގުގައި މިއަދު ހަވީރު ގެޓަފޭއިން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑު ބަލިކޮށްފިއެވެ.
ގެޓަފޭ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ގެޓަފޭ އިން ރެއާލް މައްޗަށް ކުރި ހޯދީ 0-1 ގެ ނަތީޖާއިންނެވެ. އެހެންނަމަވެސް ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ރެއާލްއެވެ. އެޓީމު އެއްވަނައިގައި 46 ޕޮއިންޓާއެކު އޮތްއިރު ރެއާލްއާ އެންމެ ގާތުން ދެވަނައިގައި ވާދަކުރަނީ ސެވިއްލާއިންނެވެ. ގެޓަފޭއަށް އަށް ލިބުނު މޮޅާއެކު އެޓީމު އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.
މިއަދު މެޗު ފަށައިގެން މޮޅަށް ކުޅުނީ ގެޓަފޭ އިންނެވެ. އެޓީމު ކުޅުނީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ ބަލައިގެންނެވެ. ފުރަތަމަ ހާފުގެ ނުވަވަނަ މިނެޓުގައި ގެޓަފޭ އިން ލީޑު ނެގިއެވެ. އުމުރުން 24 އަހަރުގެ އެނެސް އުނަލް ފަސޭހަކަމާއެކު ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ފުރަތަމަ ހާފުގައި ވެސް ރެއާލަށް މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ފުރުސަތު ލިބުނެވެ. ރެއާލްގެ ޓޮނީ ކްރޫސް ނަގައިދިން ހުރަސްތައް ގެޓަފޭގެ ޑިފެންޑަރުން ވަނީ މަތަކޮށްފައެވެ.
ދެވަނަ ހާފުގައި ރެއާލްގެ އެންމެ އިތުބާރު ހިފޭ ފޯވާޑު ކަރީމް ބެންޒެމާއަށް ގޯލު ޖެހުމަށް ފުރުސަތުތަކެއް ލިބުނެވެ. އެހެންނަމަވެސް ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ އެހަމަލާތައް ދިފާއުކޮށްފައެވެ. ދެވަނަ ހާފުގައި ރެއާލުން ގޯލު ޖެހުމަށް ގިނަ ކުޅުންތެރިން ބަދަލުކުރިނަމަވެސް ދެވަނަ ހާފު ނިމި އިތުރު ވަގުތުގެ އަށް މިނެޓު ކުޅުނު އިރުވެސް ލަނޑު ޖެހޭގޮތެއް ނުވިއެވެ.
މިއަދު މެޗުން ރެއާލް ބަލިވިނަމަވެސް ލީގު ތަށި ނެގުމާ އެންމެ ގާތުގައި އޮތީ ރެއާލް މެޑްރިދެވެ. ލީގު ތަށި 11 ފަހަރަށް ކާމިޔާބުކޮށް ރެކޯޑް ހަދާފައިވާ އެޓްލެޓިކޯ މެޑްރިޑު އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އެޓްލެޓިކޯއާއު ރަޔޯ ވަލެކާނޯއާ މިރޭ 8:15 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ލަލީގާގެ އިތުރު ހަތަރު މެޗެއް މިރޭ ކުޅޭނެއެވެ.