08 Mar 2012, 14:29
ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު އެކުލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފި އެވެ. މިފަހަރު ޗެލްސީ އާއި އެކު ރަމިރޭސް އެއްބަސްވީ ފަސް އަހަރުގެ މުއްދަތަކަށް އެޓީމަށް ކުޅުމަށެވެ.
މިމަހު ފަހު ކޮޅު 25 އަހަރުވާ ރަމިރޭސް ބެންފީކާ އިން ޗެލްސީ އާއި ގުޅުނީ 2010 ވަނަ އަހަރު އެވެ. ޗެލްސީ އާއި ގުޅުމަށް ފަހު އެކުލަބާއި ކުރިން ހަވާލުވި ކާލޯ އެންޗެލޮޓީ އަދި ވިޔަސް ބޮއަސް އާންމުކޮށް ބޭނުންކުރާ ކުޅުންތެރިއަކަށް ރަމިރޭސް ވެފައިވެ އެވެ.
"ޗެލްސީއާ އެކު އާކުރި ކޮންޓްރެކްޓާއި މެދު އަހަރެން ހިތްހަމަޖެހޭ. ޗެލްސީ އިން އަހަރެންނަށް ދެމުންދާ ސަޕޯޓަށް ޝުއުގުވެރިވަން." ރަމިރޭސް ބުންޏެވެ.
މިސީޒަނުގައި ޗެލްސީ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ތެރޭގައި ރަމިރޭސް ހިމެނެ އެވެ. މިސީޒަނުގައި ރަމިރޭސް ކުޅުނު 21 މެޗުން ޗެލްސީ އަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދީފައިވެ އެވެ.