02 Jan 2022, 18:15
އައްޑޫ ސިޓީގެ ހިތަދޫގައި ގޭދޮށު މަސް ފެކްރީއެއް އަޅަން ކުރިން ހަވާލުކުރި ކުންފުންޏަށް އެކަން ނުވެގެން އިތުރު ކުންފުންޏަކާ އެ މަސައްކަތް ހަވާލުކޮށްފިއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ސަން"އަށް ވިދާޅުވީ ކުރީގެ ކައުންސިލުން އެ މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެ އެއްބަސްވުން ބާތިލުކޮށް އާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތް މިއަދު ހަވާލުކުރީ ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ ހަވާލުކުރީ ހަ މަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ.
ހިތަދޫ ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރަނީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓުގެ ހިލޭ އެހީގެ ދަށުންނެވެ.
މޭޔަރު ވިދާޅުވީ އެގްރީމެންޓާ އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.
"މީގަ ދެން އާ ވަޒީފާތައްވެސް އުފެދޭނެ. މިކަމުގެ އިތުރަށް މިކަމުގެ ސަބަބުން މަސް އެކްސްޕޯޓު ކުރުންފަދަ ކަންކަން ކުރުމަށްވެސް ފުރުސަތު ލިބޭނެ،" ނިޒާރު ވިދާޅުވިއެވެ.

ހިތަދޫގައި ގޭދޮށު މަސް ފެކްޓްރީ އަޅަން ސީބޮޓްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމުގައި ސޮއިކުރަނީ --- އައްޑޫ ސިޓީ ކައުންސިލް
އައްޑޫގައި މަސް ގަނެ ވިއްކުމަށް ވެސް މިކަމުގެ ސަބަބުން ފަސޭހަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެ ސިޓީގެ ހުޅުދޫ އަދި މަރަދޫގައި ވެސް ގޭދޮށު މަސް ފެކްޓްރީއެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަސައްކަތް ކުރާ ކުންފުންޏެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ އިއުލާންކޮށްފައެވެ.