02 Jan 2022, 16:48
ޣައްޒާ (2 ޖަނަވަރީ 2022) : ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ރޭ މެންދަމު ޣައްޒާއަށް އުދުވާނީ ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ނިސްބަތްވާ ފައިޓާޖެޓްތަކާއި ހެލިކޮޕްޓަރުތަކުގެ އިތުރުން ބޮޑުބަޑިތައް ބޭނުންކޮށްގެން ޣައްޒާގެ 10 ތަނަކަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދީފައިވާކަމަށާއި މި ޙަމަލާތަކުގައި މާއްދީ ގެއްލުންތައް ލިބުމުގެ އިތުރުން ފަލަސްތީނުގެ ތިން މީހަކު ޒަޚަމްވިކަމަށް ފަލަސްތީނުގެ މަސްދަރުތަކާ ހަވަލާދީ އަލްޖަޒީރާ ބުނެފައިވެއެވެ.
އިސްރާއީލުގެ އުދުވާނީ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކުރި ސަރަހައްދަކީ ޣާއްޒާގެ ޚާން ޔޫނުސް އަވަށެވެ. އެއީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އަނިޔާވެރިކަމާ އަދި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އެންމެ ބޮޑަށް ހަރަކާތްތެރިވާ އެއް އަވަށެވެ. މި ހަމަލާތަކުގެ ރައްދުގައި މުޖާހިދުންގެ ޖަމާއަތްތަކުންވަނީ ޣައްޒާގެ ވަށައިގެންވާ އިސްރާއީލުގެ ސަރަހައްދުތަކަށް ރޮކެޓުން ހަމަލާތައް ދީފައެވެ.
އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ހައްގުތަކަށް އަރައިގަންނަމުންދާ އަނިޔާވެރި އިސްތިއުމާރީ ބާރެކެވެ. އެހެންކަމުން އިސްރާއީލަށް ހަމަލާދީ މިނިވަންކަމަށް ޖިހާދުކުރުމުގެ ހައްގަކީ ބައިނަލްއަގްވާމީ ގާނޫނުގައި ފަލަސްތީނުގެ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށާއި އެއީ އަމިއްލަ ނަފްސު ދިފާއުކުރުންކަމަށް ފަލަސްތީނުގެ ޖަމާއަތްތައް ބުނެއެވެ.
އިއްޔެ ޣައްޒާއިން ފޮނުވާލި ދެ ރޮކެޓް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ އަތިރިމައްޗާ ކައިރިއަށް ވެއްޓުމުން މުޅި އިސްރާއީލަށްވަނީ ސިހުންލިބިފައެވެ. އިސްރާއީލަށް ހަމަލާދިނުމުގެ ހައްގު އޮތްނަމަވެސް އިއްޔެގެ ދެ ރޮކެޓް ހަމަލާ ދީފައިވަނީ އިސްރާއީލަށް ހަމަލާދިނުމުގެ ޕްލޭނެއްގެ ދަށުން ނޫންކަމަށާއި އެއީ އޮޅުމެއްގެ ތެރެއިން ދިން ދެ ހަމަލާކަމަށް އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތުން ބުނެފައިވެއެވެ.
އިސްރާއީލަކީ އެމެރިކާ އަތުން އެންމެ ޒަމާނީ ހަތިޔާރު ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ މުޖްތަމައަށް ސިއްރުން ނިއުކްލިއާ ހަތިޔާރާއި އެނޫންވެސް ފަނާކުރަނިވި ހަތިޔާރު އުފައްދާފައިވާ ގައުމެކެވެ. މިހަތިޔާރުތައް އިސްރާއީލު ބޭނުންކުރަނީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން ފަލަސްތީނު އިސްތިއުމާރު ކުރުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ އުދުވާން ހިންގުމަށާއި ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދުގެ ހަރަކާތްތައް ހުއްޓުވުމަށެވެ. މީގެއިތުރުން އަވަށްޓެރި ގައުމުތަކަށް ބިރުދެއްކުމަށްވެސް އިސްރާއީލު ގެންދަނީ މިހަތިޔާރުތަކުގެ ބޭނުން ކުރަމުންނެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާއެވެ. ދެން ޔޫރަޕްގެ ބާރުތަކެވެ.