08 Mar 2012, 14:24
އަންނަ ސީޒަން ފެށުމުގެ ކުރިން ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ސުއަރޭޒް އާއި ރެއާލް މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ފްރާންސްގެ މުއްސަނދި ކުލަބު ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) ގެ ވެރިޔާ ނާސިރް އަލް-ޚެލައިފީ ބުނެފި އެވެ.
އަލް-ޚެލައިފީ ޕީއެސްޖީ ގަތް ފަހުން އެކުލަބަށް މަޝްހޫރު ކުޅުންތެރިންތަކެއް ހޯދާފައިވެ އެވެ. އެގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހާވިއާ ޕަސްތޯރޭ އާއި، ތިއާގޯ މޮޓާގެ އިތުރުން އެލެކްސް ހިމެނެ އެވެ.
"މިހާރުން ފެށިގެން އަންނަ ސީޒަނުގެ ޓްރާންސްފާ މާކެޓަށް އަހަރެމެން ބަލަމުން މިދަނީ. އަހަރެމެން ހޯދަން ބޭނުންވާ ކުޅުންތެރިންތަކެއް ވާނީ ފާހަގަކޮށްފައި. އެލިސްޓުގައި ހިމެނޭ ދެކުޅުންތެރިންގެ ތެރޭގައި ސުއަރޭޒް އާއި ހިގުއައިން ހިމެނޭ." އަލް-ޚެލައިފީ ބުންޏެވެ.
މިސީޒަނުގައި ޕީއެސްޖީ އިން ހޯދުމަށް މަސައްކަތް ކުރި ބައެއް ކުޅުންތެރިން ހޯދިފައެއް ނުވެ އެވެ. އެގޮތުން ޑޭވިޑް ބެކަމް އާއި، ކާލޮސް ޓެވޭޒް އަދި އެލެކްސެންޑްރޯ ޕަޓޯ ހޯދުމަށް އެކުލަބުން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވެ އެވެ.