02 Jan 2022, 15:09
ޓުއަރިސްޓް ރިޒޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
އެ މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށާފައިވާއިރު, ޔާމީން ވަޑައިގަތީ އޭނާގެ ވަކީލުންގެ ޓީމާއި އެކުއެވެ. އަދި މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް އެއްސެވިއެވެ. ޖަވާބުގައި ޔާމީންގެ ވަކީލުންގެ ޓީމުގެ ފަރާތުން ބުނެފައިވަނީ, ލިޔެކިޔުންތައް ލިބުނު ނަމަވެސް އެ ދިރާސާ ކުރުމަށް ވަގުތު ލިބިފައި ނުވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމަށް ޔޫސުފް ނައީމް ވަޑައިގަތީ ގިނިކަންޏާއެވެ. އޭނާ އެދިވަޑައިގަތީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދިނުމަށެވެ. އެހެން ކަމުން ވަކީލަކު އައްޔަނު ކުރުމަށް ގާޒީ ވަނީ 10 ދުވަސް ޔޫސުފް ނައީމަށް ދެއްވައިފައެވެ.
އެ މައްސަލައިގައި ކުރު އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, އަންނަ ހަފްތާގައި އިތުރު އަޑުއެހުމެއް ތާވަލު ކުރާނެ ކަމަށެވެ. އަދި މި މަހުގެ 27 ވަނަ ދުވަހު ވެސް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް އެ ދައުވާތައް އުފުލާފައިވަނީ, ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.
މިހާތަނަށް ރައީސް ޔާމީންގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައިވެއެވެ. އެންމެ ފުރަތަމަ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ކުރި ހުކުމް، މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމު ކޯޓުން ވަނީ ބާތިލްކޮށްފައެވެ.