02 Jan 2022, 14:56
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދެ ކެމްޕަހަކަށް އާ މެނޭޖަރުން އައްޔަންކޮށްފިއެވެ.
މިއަދު ބޭއްވި އޮންލައިން ރަސްމިއްޔާތެއްގައި މެނޭޖަރުން އައްޔަން ކޮށްފައިވަނީ ގދ. ތިނަދޫ ކެމްޕަހާއި ކުޅުދުއްފުށި ސިޓީ ކެމްޕަހަށެވެ.
ތިނަދޫ ކެމްޕަހުގެ މެނޭޖަރަކަށް މުހައްމަދު ޝަމީމް އައްޔަން ކުރިއިރު ކުޅުދުއްށި ސިޓީ ކެމްޕަހުގެ މެނޭޖަރަކަށް އައްޔަންކޮށްފައިވަނީ ޑރ. މުހައްމަދު އުމަރުއެވެ. ތިނަދޫ ކެމްޕަހުގެ މެނޭޖަރު ކަމަށް އައްޔަން ކޮށްފައިވާ މުހައްމަދު ޝަމީމް އާދަމް އަކީ ތިނަދޫ ކެމްޕަހުގެ މެނޭޖަރު ކަމުގެ މަގާމުގައި ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅާއެވެ.

ތިނަދޫ އަދި ކުޅުދުއްފުށީ އެމް.އެން.ޔޫ ކެމްޕަސް މެނޭޖަރުން އައްޔަނުކުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް އެއްބަސްވުމުގައި ސޮއޮކުރައްވަނީ -- ސަން ފޮޓޯ/މުހައްމަދު ހައްޔާން
މި ރަސްމިއްޔާތުގައި މެނޭޖަރު ކަމަށް އައްޔަން ކުރި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވައި، އެއްބަސްވުމުގައި ސޮއިކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ.
ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތަކުގެ މެނޭޖަރުން އައްޔަން ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.