02 Jan 2022, 14:38
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހަތަރު ދުވަހުގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އާ އަހަރާ ދިމާކޮށް ރައީސްގެ ދެކަނބަލުން ލަންކާއަށް ދަތުރުފުޅެއް ކުރެއްވިއިރު، ލަންކާއަކީ ރައީސްގެ އާއިލީ ބޭފުޅުން ގިނަ އަދަދަކަށް ދިރިއުޅުއްވާ ގައުމެކެވެ.
މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅު ވެސް ރައީސް ވަނީ ލަންކާއަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅުގައި ރައީސް ލަންކާއަށް ވަޑައިގަތީ ލަންކާގެ "ޕްރައިމް މިނިސްޓާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުންނެވެ.
ދެ ދުވަހުގެ އެ ރަސްމީ ދަތުރުފުޅުގައި، ރައީސް ސޯލިހު ވަނީ ލަންކާގެ ރައީސްއާ ބައްދަލު ކުރައްވައި ދެ ގައުމުން އިސްކަންދޭ މުހިންމު މައުޟޫތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.