02 Jan 2022, 13:40
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ މުވައްޒަފަކު، އަންހެނަކަށް އިންޒާރު ދޭ ކަމަށް ބުނާ ވީޑީއޯގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްޕީއެލުން ބުނެފިއެވެ.
އެމްޕީއެލްގެ ޔުނިފޯމު ލައިގެން ހުރި މީހަކު، އަންހެނަކާ ދިމާލަށް ހުތުރު ބަހުން ވާހަކަ ދައްކާ، ހަޅޭ ލަވާ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ވީޑިއޯއާ ގުޅިގެން އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ ވީޑިއޯގެ މައްސަލަ މިހާރު އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ހަމައެހެންމެ އެ މުވައްޒަފާ މެދު ފިޔަވަޅު އަޅަން ޖެހިއްޖެ ހާލަތެއްގައި، ކުންފުނީގެ ގަވައިދުގައި ވާ ގޮތުގެ މަތީން ފިޔަވަޅު ވެސް އަޅާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.