02 Jan 2022, 10:01
ކޮލަންބޯ (2 ޖަނަވަރީ 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޭރު ފައިސާ (ޑޮލަރު) ދަތިވުމުގެ މައްސަލައާއި ކާބޯތަކެތީގެ އަގުތައް އުފުލުމުގެ މައްސަލަ މިއަހަރު ތެރޭގައި ހައްލުވެގެންދާނެކަމުގެ އުންމީދު ބޮޑުކަމަށް އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.
މީލާދީ އައު އަހަރުގެ ތަހްނިޔާ ސްރީލަންކާގެ ރައްޔިތުންނަށް ފޮނުއްވަމުން ދެއްވި ޚިތާބުގައި ގޮތަބަޔާ ވިދާޅުވީ ސްރީލަންކާއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް މިއަހަރުތެރޭގައި ހައްލު ލިބިގެންދާނެކަމުގެ ބޮޑު އުންމީދެއް އެބައޮތްކަމުގައެވެ. އަދި ބޭރުފައިސާ ހޯދުމަށާއި ބޭރުފައިސާއިން ކުރާ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭން ކާމިޔާބުވުމުގެ ފުރުސަތުވެސް ބޮޑުކަމުގައެވެ. ނަމަވެސް އަހަރު ނިމުމުގެ ކުރިން މައްސަލަ އެއްކޮށް ހައްލުކުރެވޭނެކަމުގެ ޔަގީންކަން ގޮތަބަޔާ ނުދެއްވައެވެ.
ސްރީލަންކާ ބޭރުފައިސާއަށް ޖެހުނީ ކޮވިޑް-19 އާއެކު އެގައުމުގެ ފަތރުވެރިކަން އިނދަޖެހި ފަތުރުވެރިކަމުން ލިބެމުންދިޔަ ބޭރުފައިސާ މުޅިންކަހަލަ ގޮތަކަށް ހުއްޓުމުގެ ސަބަބުންނެވެ. ސްރީލަންކާއަށް ބޭރުފައިސާ ލިބޭ މައިގަނޑު ސިނާއަތަކީ ފަތުވެރިކަމެވެ. ބޭރުފައިސާ ނުލިބުމުގެ ސަބަބުން ސްރީލަންކާގެ އިންޕޯޓަށް ބޭނުންވާ ބޭރުފައިސާއާއި ލޯންތައްދެއްކުމަށް ބޭނުންވާ ފައިސާ ނަގަމުން ގެންދިޔައީ އެގައުމުގެ މަރުކަޒީ ބޭންކްގައިވާ ދައުލަތުގެ ރިޒާވް އިންނެވެ.
ސްރީލަންކާގެ ގައުމީ ރިޒާވްގައިހުރި 7.5 ބިލިއަން ޑޮލަރުގެ ތެރެއިން ފާއިތުވި ދެއަހަރު ތެރޭގައިވަނީ 5.9 ބިލިޔަން ޑޮލަރު ނަގާފައެވެ. މިހާރު އެގައުމުގެ ބޭރުފައިސާގެ ރިޒާވްގައި ހުރިކަމަށް މަރުކަޒީ ބޭންކުން ބުނަނީ އެންމެ 1.6 ބިލިއަން ޑޮލަރެވެ. ބޭރުފައިސާގެ ދަތިކަމުން ސްރީލަންކާ ވަނީ ލޯންދެއްކުމަށް ނުކުޅެދޭ ހިސާބަށް ގޮސްފައެވެ.
ކޮވިޑް-19 އާއެކު ފަތުރުވެރިކަން ހުއްޓުމާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ޗައިނާއާއި އިންޑިއާއިންވެސް ސްރީލަންކާއަށް ކުޑަ އިންޓަރެސްޓެއްގައި ދިގުމުއްދަތަކުން އަދާކުރާގޮތަށް ބޮޑެތި ލޯންތަކެއް ދީފައިވެއެވެ. އަދި ޗައިނާއިން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކުރުމުގެ ފުރުސަތުވެސް ޗައިނާއިންވަނީ އެގައުމަށް ދީފައެވެ. ނަމަވެސް ފަތުރުވެރިކަމަށް ސްރީލަންކާ އަދިވެސް ހުޅުވާނުލާތީ ބޭރުފައިސާގެ ދަތިކަން ހައްލުކުރެވޭނެ މުއްދަތެއް ކަނޑައެޅުންވަނީ ދަތިކަމަކަށް ވެފައެވެ.
ސްރީލަންކާގެ ބޭރުގެ ލޯންތަކުގެ އަދަދު 26 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މީގެތެރެއިން ގިނަ ލޯންތަކަކީ ޗައިނާއިންނާ އަދި އިންޑިއާއިން ނަގާފައިވާ ލޯންތަކެވެ. މި ލޯންތައް ނަގާފައިވަނީ ސްރީލަންކާ 26 އަހަރުވަންދެން ތަހައްމަލްކުރި ދާޚިލީ ހަނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށާ އަދި ސްރީލަންކާގެ ބަލިކަށި އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށް ޒަމާނީ ކުރުމަށް ބޭނުންވާ މަޝްރޫއުތައް ހިންގުމަށެވެ.
ޗައިނާގެ ލޯންއެހީގައި އެގައުމުން މިހާރު ކުރިޔަށްގެންދާ ކޮލަންބޯ ޕޯޓް ސިޓީ ޕްރޮޖެކްޓް ފަދަ މަޝްރޫއުތައް ނިމުމުން ސްރީލަންކާގެ އިގްތިސާދަށް ވަރަށް ބޮޑު ހެޔޮބަދަލެއް އަންނާނެކަމަށްވަނީ ބެލެވިފައެވެ.
ބޭރުފައިސާގެ ރިޒާވް ދައްވުމުން ސްރީލަންކާގައިވަނީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުއުފުލުމުގެ ކަންތައް އިންތިހާއަށް ގޮސްފައެވެ. ފާއިތުވި ނޮވެމްބަރުމަހު 17 އިންސައްތައަށް އަދި ޑިސެންބަރު ތެރޭގައި 22 އިންސައްތައަށް ކާބޯތަކެތީގެ އަގު އުފުލިފައިވާ ކަމަށް ސްރީލަންކާގެ ސެންސަން އެންޑް ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މީލާދީ އައުއަހަރު ފެށުނުއިރު ހިކިކިރުގެ އަގުވެސް ސްރީލަންކާގައިވަނީ 12.5 އިންސައްތައަށް މައްޗަށް ގޮސްފައެވެ. ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ ސްރީލަންކާގެ ބޮޑެތި މާޓްތަކާއި ސްޕަމާކެޓްތަކުން ގެންދަނީ ހިކިކިރު، ހަނޑޫ، ހަކުރު ފުށް އަދި މުގު ފަދަ ސްރީލަންކާގެ ރައްޔިތުން ކެއުމަށް ބޭނުންކުރާ އާސާސީ ބާވަތްތައް ވިއްކުން ކޮންޓުރޯލް ކުރަމުންނެވެ.