08 Mar 2012, 14:17
ޗެލްސީ ސަޕޯޓަރުންގެ ހިތުގައި އެކުލަބަށް ކުރިން ކޯޗުކަން ކޮށްދިން ހޯސޭ މޮރީނިއޯ ވާ ކަމުގައި ޗެލްސީ އާއި ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު ޑި މަޓިއޯ ބުނެފި އެވެ.
އިނގިރޭސި އެފްއޭ ކަޕުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބާމިންގްހަމް ސިޓީ އާއި ދެކޮޅަށް ކުޅެ 2-0 ލަނޑުން ޗެލްސީ މޮޅުވި މެޗުގައި، އެކުލަބުގެ ސަޕޯޓަރުން ވަނީ ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ގެނައުމަށް ގޮވާލާފަ އެވެ. އަންދުރޭ ވިޔަސް ބޮއަސް ޗެލްސީގެ ކޯޗުކަމުން ދުރުކުރުމަށް ފަހު، އަލުން މޮރީނިއޯ ގެންނާނެ ކަމަށް ގިނަ ރިޕޯޓްތަކަކުން ވެސް ބުނެފައިވެ އެވެ.
"މޮރީނިއޯ އަކީ ޗެލްސީގެ ތާރީޚުތަކުގެ ތެރޭގައި ލިޔެވިފައިވާ ކޯޗެއް. ޗެލްސީ އަށް ގިނަ ކާމިޔާބީތަކެއް މޮރީނިއޯ ހޯދައިދިނުމުން ކުލަބުގެ ސަޕޯޓަރުންގެ ހިތްތަކުގައި އޭނާ ވާނެ. ކުލަބުގެ ކުޅުންތެރިން އެބަޖެހޭ މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވާން. މިހާރު ޓީމު އޮތީ ރަނގަޅު ހާލަތެއްގައި. އެއް އާއިލާއެއްގެ ގޮތުގައި." ޑި މަޓިއޯ ބުންޏެވެ.
ޑި މަޓިއޯ ޗެލްސީ އާއި ވަގުތީ ގޮތުން ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗަކީ އެފްއޭ ކަޕުގައި ބާމިންގްހަމް އާއި ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުގައި ހުއާން މަޓާ އާއި ރައުލް މެރީލޭސް ކާމިޔާބު ކޮށްދިން ލަނޑުތަކުން އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ޗެލްސީ އަށް ޖާގަ ލިބިފައިވެ އެވެ.