01 Jan 2022, 21:32
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލު މެޗުގައި އާސެނަލް މޮޅުވާން ދަނިކޮށް ފަހުވަގުތު ސިޓީން އާސެނަލް ބަލިކޮށްފިއެވެ.
މި މެޗު ނިމިގެން ދިޔައީ 2-1 ނަތީޖާއަކުން ސިޓީ މޮޅުވެގެންނެވެ.
މިރޭގެ މިޗަކީ ސިޓީން ޕްރިމިއާލީގުގައި ބަލިނުވެ ކުޅުނު 11 ވަނަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ މެޗުގެ 31 ވަނަ މެނެޓުގައި އާސެނަލެގެ ޒުވާން ކުޅުންތެރިޔާ ބުކާޔޯ ސަކާ ކާމިޔާބުކޮށްދިން ގޯލާއެކުގައި އާސެނަލް ލީޑުގައި އޮވެއެވެ.
މި ގޯލު ސަކާ ޖަހާފައިވަނީ އާސެނަލްގެ ޓިއާނޭ އޭރިއާ ސިޓީގެ އޭރިއާ ބޭރުން ޖައްސާލި ޕާސް އޭރިއާގެ ތެރޭގައި ހުރެފައި ގޯލުގެ ތިރީކަނަށް ފޮނުވައިލައިގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސިޓީން އާސެންލްގެ ގޯލަށް ދިޔައީ ވަރަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން އެރިއާ ތެރެއިން ސިޓީގެ ބަނާޑޯ ސިލްވާގެ ޖޯޒީގައި އާސެންލެގެ ޒަކާ ހިފައި ވައްޓާލުމުން ސިޓީއަށް ޕެނަލްޓީއެއް ލިބުނެވެ.
މި ޕެނަލްޓީގެ އެހީގައި މެޗުގެ 57 ވަނަ މިނެޓުގައި ސިޓީގެ ރިޔާދު މަހްރޭޒް ސިޓީއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. މި ގޯލާއެކު މަހްރޭޒް މި ސީޒަނުގައި ޖުމްލަ ހަ ގޯލު ވަނީ ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ.
މި ނަތީޖާއާ އެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ސިޓީގެ މެދުތެރޭގައި މިއަދު މޮޅު ކުޅުމެއް ދެއްކި ރޮޑްރީ ވަނީ ގޯލެއް ކާމިޔާބު ކޮށްދީފައެވެ. މި ގޯލު ރޮޑްރީ ކާމިޔާބު ކޮށްދިނީ ސިޓީގެ ޑީބުރޫން ނަގައިދިން ހުރަސް އެ ޓީމުގެ ލަޕޯތުގެ ބޮލުގައި ޖެހިފައި ނިކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ނަތީޖާއާ އެކު ސިޓީން ވަނީ ތާވަލްގެ އެއްވަނައިގައި އެއްމެޗު އިތުރަށް ކުޅެ 53 ޕޮއިންޓާ އެކު 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އަދި އާސެނަލް އެއް މެޗު އިތުރަށް ކުޅެ ލިބިފައިވަނީ 35 ޕޮއިންޓެވެ. އާސެނަލް އޮތީ ތާވަލްގެ ހަތަރު ވަނައިގައެވެ.
މިރޭ ޕްރިމިއާ ލީގުގައި ދެ މެޗު ވަނީ ކުޅެން ހަމަޖެހިފައެވެ. އެއީ ވަޓްފޯޑާއި ޓޮޓެންހަމް ބައްދަލު ކުރާ މެޗުގެ އިތުރުން ކްރިސްޓަލް ޕެލެސް އާއި ވެސްޓްހަމް ބައްދަލު ކުރާ މެޗެވެ.