ޓެލްއަވީވް (01 ޖަނަވަރީ 2022): އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްގެ އަތިރިމައްޗާ ކައިރިއަށް ދެ ރޮކެޓް ވެއްޓުމުން މުޅި އިސްރާއީލަށް ސިހުންލިބި އިސްރާއީލުގެ ސިފައިން ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިސްރާއީލު ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް އެފީފް ކޮޚާފީއެވެ. މި ބައްދަލުވުމާ ހަވާލާދީ އިސްރާއީލުގެ މިޑީއާ ބުނާގޮތުން އާއަހަރުގެ ފުރަތަމަ ދުވަހު އެތަށް ސަތޭކަ ބަޔަކު ޓެލްއަވީވުގެ އަތިރިމައްޗަށް ޖަމާވެ އައުއަހަރުގެ ޗުއްޓީ ހޭދަކުރަން ތިއްބައި އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމު ފޫއަޅުވާލައި އަތިރިމައްޗާ ކައިރި ހިސާބުގައިވާ ކަނޑަށް ދެރޮކެޓް ވެއްޓުނު މައްސަލައިގެ ސީރިއަސްކަމާ ބެހޭގޮތުންނާ އަދި އެކަމަށް ރައްދު ދޭނެގޮތަކާބެހޭގޮތުން އެބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ.

އިސްރާއީލު ތުހުމަތުކުރާ ގޮތުގައި މިދެ ރޮކެޓްވެސް ފޮނުވާލާފައިވަނީ އިސްރާއީލުން ޙިސާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއިންނެވެ. ޣައްޒާއަކީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ އެތަށް ޖަމާއަތެއް ހަރަކާތްތެރިވާ ސަރަހައްދެކެވެ. އެެހެންކަމުން އިސްރާއީލަށް ރޮކެޓް ހަމަލާދިނީ ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ކޮންޖަމާއަތަކުންކަން އިސްރާއީލަށް ވަނީ ސާފުވާގޮތް ނުވެފައެވެ.

އިސްރާއީލު ބުނާގޮތުން މި ދެ ރޮކެޓް ފޮނުވާލީ ޣައްޒާގެ ކަނޑުގެ އައްސޭރިފަށުގައި ހަރަކާތްތެރިވި ފަލަސްތީނުގެ ހަތިޔާރުއެޅި ބައެކެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ފަލަސްތީނުގެ ހައްގުތަކަށް އަރައިގަންނަމުންދާތީ އިސްރާއީލުގެ ކޮންމެތަނަކަށް ބޭނުންވަގުތަކު ހަމަލާދިނުމުގެ ހައްގު އޮންނާނެކަމާ އެއީ އަމިއްލަ ނަފްސު ދިފާއުކުރުންކަމަށް ފަލަސްތީނުގެ ޖަމާއަތްތައް ބުނެއެވެ. ނަމަވެސް އިސްރާއީލު ސިފަކުރާގޮތުގައި ފަލަސްތީނުގެ މުޖާހިދުން އިސްރާއީލާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދަކީ ޓެރަރިޒަމްގެ އަމަލުތަކެކެވެ.

މި ދެރޮކެޓް ހަމަލާއަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ޣައްޒާއަށް ހަމަލާދީފިނަމަ ފަލަސްތީނުގެ ޖަމާއަތްތަކާއި އިސްރާއީލާ ދެމެދު އަނެއްކާވެސް އިތުރު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު އެބައޮތެވެ. ޣައްޒާއާއި އިސްރާއީލުން މިހާތަނަށްވަނީ 5 ފަހަރު ހަނގުރާމަކޮށްފައެވެ. މިއިން ކޮންމެ ހަނގުރާމައެއްގެވެސް މަގްސަދަކީ ފަލަސްތީނުގެ ހަތިޔާރުއެޅި ޖަމާއަތްތައް ނައްތާލައި ޣައްޒާއިން އިސްރާއީލަށް ރޮކެތް ހަމަލާ ނުދެވޭވަރުކުރުންކަމަށް އިސްރާއީލު ބުނިނަމަވެސް މިއިން ކޮންމެ ހަނގުރާމައެއްވެސް ހުއްޓާލާފައިވަނީ މިއިން އެއްވެސް މަގްސަދެއް އިސްރާއީލަށް ހާސިލް ނުވެއެވެ.

އަލްޖަޒީރާ ބުނާގޮތުން ޓެލްއަވީވްގެ އަތިރިމައްޗާ ކައިރިއަށް ދެ ރޮކެޓް ވެއްޓުމާއެކު އިސްރާއީލާއި ފަލަސްތީނުގެ މަސްރަހު ހޫނުވެފައިވާތީ މިސްރު ގެންދަނީ މަސްރަހު ފިނިކުރުމަށް މަސައްކަތް ކުރަމުންނެވެ.