01 Jan 2022, 19:40
ރޭ 12 ޖަހަން ވެފައިވަނިކޮށް ސިނަމާލެ ބުރިޖުގައި ތިން އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ތިން އެކްސިޑެންޓް ހިނގާފައިވަނީ ރޭ 22:45 އިން ފެށިގެން 00;00 އާ ދެމެދުގައި ކަމަށެވެ.
ތިން އެކްސިޑެންޓްގެ ތެރެއިން އެއް އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލަކާއި ކާރެއް ޖެހިއެވެ. އަނެއް ދެ އެކްސިޑެންޓް ހިނގާފައިވަނީ ދެ ކާރު ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކްސިޑެންޓްތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އުޅުނދުތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އަދި އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ސިނަމާލެ ބުރިޖުގައި ތިން އެކްސިޑެންޓް ހިނގާފައިވާއިރު އާ އަހަރު ފާހަގަ ކުރުމަށް އެ ސިޓީގައި ދިޔައީ މިއުޒިކް ޝޯއެއް ބާއްވަމުންނެވެ. އަދި އާ އަހަރު ފެށުމުގެ ގޮތުން ހުޅުމާލޭގައި އަރުވާ ހަވާ ބެލުމަށް ވެސް ގިނަ އަދަދެއްގެ މީހުންނ އެ ސިޓީއަށް ރޭ ވަނީ ގޮސްފައެވެ. މާލެ އިން ހުޅުމާލެއަށް ރޭ ވަނީ ގިނަ އަދަދެއްގެ މީހުން ގޮސްފައެވެ.
އާ އަހަރާ ގުޅިގެން މާލެ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަންގައި އިއްޔެ ހައްޔަރު ކުރީ ތިން މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބު ތަކަށް ބަލާއިރު އިއްޔެ ހަވީރު 4:00 އިން މިއަދު ހެނދުނު 6:00 އާ ހަމައަށް 387 ވެހިކަލު ޗެކުކޮށް، 789 ސަރަހައްދެން ބަލާފައިވެއެވެ.
އެ ވަގުތުތަކުގައި ވައްކަމުގެ ހަތަރު މައްސަލަ އަކާއި ފޭރުމުގެ ދެ މައްސަލައެއްގެ އިތުރުން މަސްތުވާތަކެތީގެ އެއް މައްސަލަ ފުލުހުންނަށް ވަނީ ހުށަހަޅައިފައެވެ. އަދި މާރާމާރީގެ ތިން މައްސަލަ ވަނީ ހިންގައިފައެވެ.
މީގެ އިތުރުން 504 މީހުން ހުއްޓުވައި، ސުވާލު ކުރުމަށްފަހު ފޮނުވާލި އިރު، ޗެކް ކޮށްފައި ވަނީ 99 މީހުންނެވެ.