01 Jan 2022, 19:19
މ. ދިއްގަރުން ހޯމް ސްޓޭ ޓުއަރިސްޓުންނަށް ކީ ހޫނު މަރުހަބާއާއެކު އެ ރަށުގައި ހޯމްސްޓޭ ޓުއަރިޒަމް އިފްތިތާހުކޮށްފިއެވެ.
މިއަދު ހަވީރު ދިއްގަރަށް އައި ހަތަރު ފަތުރުވެރިންނަށް އެ ރަށުން ކީ ވަރަށްވެސް ހޫނު މަރުހަބާއެކެވެ.
ހަތަަރު ފަތުވެރިންނާ އެކު ފެށި މި މަސައްކަތަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް ކަމަށް ދިއްގަރު ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ ދިއްގަރަށް ލިބިގެން މި ދިޔަ ފުރުސަތުގައި ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ އިތުރުން މަސައްކަތްތެރިކަން ދައްކުވައިދީ އެކަމުން ރައްޔިތުންނަށް ނަފާވާނެ ގޮތަށް ކަންކަން ބައްޓަން ކުރާނެ ކަމަށެވެ.
"މިކަމުގައި ނަމޫނާ ދެއްކުމުގެ ފުރުސަތު މިއަދު އަޅުގަނޑުމެންނަށް [ދިއަގަރަށް] މިވަނީ ލިބިފައި. އަޅުގަނޑު މިއަދު ޔަގީންކަން އަރުވަން މި ފެށުމަކީ ނަމޫނާ ފެށުމަކަށް ވާނެ ކަމަށް،" ދިއްގަރުގައި ހޯމް ސްޓޭ ޓުއަރިޒަމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ނިޝާން ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓޫރިޒަމް ފެށުމަށް ދިއްގަރަށް ދިޔަ ފުރަތަމަ ހަތަރު ފަތުރުވެރިންނަށް އެރަށުން މަރުހަބާ ކިޔަނީ --- ފޮޓޯ/ އަލީ ޝާފީ
ރަށުގައި ފަތުރުވެރިކަން ފުޅާކުރުމަށް ކުރަން ހުރި މަސައްކަތްތައް ގިނަކަމަށާއި، ފަތުރުވެރިކަން އެ ރަށަށް ތައާރަފް ވުމަކީ ރަށުގެ ޒުވާނު ޒަމާން ތަކެއް ވަންދެން ކުރަމުން އައި އުންމީދެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓުއަރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެގެޓިވް އޮފިސަރު މުހައްމަދު ރައްޒާން ވިދާޅުވީ ހޯމް ސްޓޭގެ ސަބަބުން ދިއްގަރު ފަދަ ކުދި ރަށް ރަށުގެ ރައްޔިތުންނަށް ކުރާނެ މަސައްކަތްތަކެއް ތައާރަފްވެ އެ ރަށްރަށުގެ އިގްތިސާދު ކުރިއަރައިގެން ދާނެ ކަމަށެވެ.
ދިއްގަރަށް ފުރަތަމަ ހޯމް ސްޓޭ ކުރުމަށް އައި ފަތުރުވެރިން ރަށަށް ވަނުމުގެ ކުރިން ނެރުމަތިން ވަނީ ދިއްގަރު ޒުވާނުންގެ ލަނގިރީގެ ފަރި ހަރާކަތްތަކެއް ދައްކާލައިފައެވެ. އަދި ރަށަށް ފަތުރުވެރިން ފޭބުމާއެކު ވޯޓާ ސެލުއުޓެއްވަނީ އަރުވާފއެެވެ.

ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިއްގަރުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް ވަނީ ގޮސްފައެވެ. އަދި ފަތުރުވެރިން ރަށަށް ފޭބުމުންވެސް ވަނީ ބޮޑުބެރުގެ ހަރަކާތްތައް ދައްކައިލާފައެވެ. ފުރަތަމަ އައި މި ފަތުރުވެރިންގެ ފައިގެ ނިޝާންވެސް ވަނީ ނަގާފައެވެ.